09 ޖޫން 2019 - 21:40

ގއ. ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާކަން އެނގިގެން، އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމުން ފެރީން ކަނޑަށް ފުންމާލި މީހަކު ހޯދަން ތިން މީހަކު ދިޔަ ބޮއްކުރައެއް ބަންޑުންޖަހާލައި ކަނޑުވެއްޖެ އެވެ.
ފުލުހުން ބުނީ ފެރީގައި ހުރި މީހާ ފުންމާލީ ކަނޑުހުޅުދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާވަރަލު ކައިރި އަށް ކަމަށެވެ. އެ މީހާ ފުންމާލުމުން، އިރު އޮއްސުނު ވަގުތު އޭނާ ހޯދަން ބޮއްކުރައެއްގައި ފަލިޖަހާފައި ތިން މީހަކު ގޮސްގެން އުޅެނިކޮށް ބަންޑުންޖަހާލުމުން އެކަކު ވަނީ ފަތާފައި މާވަރަލު އަށް އަރައި އެކަން ފުލުހުންނަށް އަންފައިފަ އެވެ.
ކަނޑުވި މީހުންގެ ތެރެއިން އެކަކު ކަނޑުހުޅުދޫ ދޯންޏަކަށް އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ތިން ވަނަ މީހާ ވެސް ވަނީ ފެނިފަ އެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
މި ޚަބަރު އެންމެ ފުރަތަމަ ލިބުނު އިރު، ގެއްލުނީ ފުލުހެއް ކަމަށާއި އެ މީހުން ދިޔައީ ޑިންގީއެއްގައި ކަމަށް ލިޔެވިފައި ވިޔަސް އެއީ މައުލޫމާތުގެ ކުށެކެވެ. ބަނޑުންޖަހާލީ އާންމުންގެ ތިން މީހަކު ތިބި ބޮއްކުރައެކެވެ.
އެނގިފައިވާ ގޮތުގައި، ބޮއްކުރާގައި ދިޔަ މީހުންނަކީ ކަނޑަށް ފުންމާލައިގެން ފިލަން އުޅުނު މީހާއާ ގުޅުން އޮންނަ ބައެކެވެ.
ކަނޑުހުޅުދޫ ކައުންސިލް މެންބަރު ޝާހިދު އިބްރާހިމް ދީދީ ވިދާޅުވީ ކަނޑުވި މީހުންގެ ތެރެއިން ސަލާމަތްވި މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ފިލަން ފުންމާލި މީހާ އަރާފައި ވަނީ ފަޅުރަށަށް ކަމަށެވެ. އެހެންވެ އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.