09 ޖޫން 2019 - 17:15

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލް ހިންގަން ތިން ފަރާތަކުން މިއަދު ބިޑްކޮށްފި އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ޕްރީސްކޫލް ހިންގާނެ ބަޔަކު ހޯދަން މިނިސްޓްރީން ދެ ފަހަރެއްގެ މަތިން އިއުލާން ކުރި ނަމަވެސް އެއްވެސް ބަޔަކު އެ ތަން ހިންގަން ޝައުގުވެރިކަން ފާޅުކޮށް ބިޑެއް ނުކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "މިހާރު" އަށް ވިދާޅުވީ އެ ޕްރީސްކޫލް ހިންގާނެ ބައެއް ހޯދަން އަލުން ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން ކުރިމަތިލި ކަމަށެވެ. އަދި އެމީހުން ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި ޕްރީސްކޫލް ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށް ބިޑްކުރީ ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަން އާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެކެވެ. ނަމަވެސް ލިޔެކިޔުންތައް ފުރިހަމަނުވެގެން މެރިޓައިމް އެކަޑަމީގެ ބިޑް ބާތިލްވެފައިވާ ކަމަށްވެ އެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ކުރަނީ އައިލެންޑާސް އެޑިއުކޭޝަނާއި ކޮލިޓެޓްގެ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
ހުޅުމާލޭގައި މިވަގުތު ހިންގަނީ ދެ ޕްރީ ސްކޫލެކެވެ. އެއީ އަމިއްލަ ފަރާތަކުން ހިންގާ ދެ ތަނެވެ. އޭގެ އިތުރުން ސަރުކާރު ސްކޫލުތަކުގައި ޕްރީ ސްކޫލް ކިޔަވައިދެ އެވެ.
ކޮމްޕިއުޓާ ރޫމާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.