09 ޖޫން 2019 - 16:38

މޯލްޑިވިއަންގެ ސީނިއާ ޓެކްނިކަލް ވަޒީފާތަކެއްގައި ތިބި ބަޔަކު ވަޒީފާއިން ވަކިވެފައިވާ ކަމަށް ދައުރުވަމުން ދަނީ ސައްހަ މެސެޖެއް ނޫން ކަމަށާއި ވަކިވެފައިވާ މުވައްޒަފުންތަކެއް ތިބި ނަމަވެސް، އޮޕަރޭޝަނަށް ބުރޫއެއް ނާރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ސީނިއާ ތިން މީހަކު މިއަދު ވަކިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ މާ ކުރިން ވަޒީފާ އިން ވަކިވެފައިވާ ބައެއް ކަމަށެވެ.
"އެހެން ވިޔަސް އޮޕަރޭޝަންތަކަށް ބުރޫއެއް ނާރާނެ،" އައިލެންޑް އޭވިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ވަރަށް ސީނިއާ ޕައިލެޓުންތަކެއް ވެސް ހިމެނޭ ގޮތަށް ވިއްސަށް ވުރެ ގިނަ މީހުން ވަޒީފާ އިން އިސްތިއުފާ ދީފައިވާ ކަމަށް މިއަދު ވަރަށް ގަދައަށް ސޯޝަލް މީޑިއާގައި ދެކެވުނެވެ. އެކަމަކު "މިހާރަ"ށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ކެޕްޓަނުން އަދާކުރާ އެހެން ވަޒީފާތަކުން އިސްތިއުފާ ދިނަސް އެ މީހުން ބޯޓުތައް ބަރާބަރަށް ދުއްވަމުން ގެންދެ އެވެ.