11 ޖޫން 2019 - 07:18

ހާޓްއެޓޭކް ޖެހުން ކަހަލަ ބޮޑެތި ސިއްހީ މައްސަލަތަކުން ރައްކާތެރި ވެވިދާނެ ޕެޗެއް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި އިންސާނުންގެ ހިތުގައި ޓެސްޓް ކުރަން ފަށަން ނިންމައިފި އެވެ.

"ޕަމްޕިން ހާޓް ޕެޗް" ގެ ނަމުގައި އީޖާދުކޮށްފައިވާ މި ޕެޗަކީ އިންސާނުންގެ އެތައް މިލިއަން ސްޓެމް ސެލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
ދިގު މިނުގައި 3 އަދި ފުޅާ މިނުގައި 2 ސެންޓިމީޓަރު ހުންނަ މި ޕެޗް މުސަޅުގައި ތަހުލީލުކޮށްފައިވާ އިރު، މިއީ އިންސާނުންގެ ހިތުގައި ރައްކާތެރިކަމާ އެކު ބޭނުން ކުރެވިދާނެ ޕެޗެއް ކަމަށް އިމްޕީރިއަލް ކޮލެޖް ލަންޑުން ބުންޏެވެ. އެތަނުން ބުނި ގޮތުގައި ހިތަށް ހާއްސަކޮށްގެން އިޖާދުކުރި ޕެޗަކީ ހިތުގެ ސެލްތައް އާލާކޮށްދީ، ސެލްތައް ހަލާކުވުމުން ވެސް ރައްކާތެރިކޮށް ދޭނެ އެއްޗެކެވެ.
ބްރިޓިޝް ކާޑިއޮވަސްކިއުލާ ސޮސައިޓީން ބުނި ގޮތުގައި "ޕަމްޕިން ހާޓް ޕެޗް" އަކީ ހިތަށް ލޭ ފޮނުވައި ދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެކެވެ. އެހެންވެ މީގެ ސަބަބުން ހާޓްއެޓޭކް ގަދަ ހާލަތްތަކުން ރައްކާތެރިކޮށް ދޭން ބޮޑު އެހީއަކަށް ވާނެ ކަމަށް ބުންޏެވެ.
"ހިތް ޕަމްޕްވުމުގައި ދިމާވާ މައްސަލަތަކަށް މި ޕެޗް އެހީއަކަށް ވާނެ. މީގެ ސަބަބުން ލޭ ދައުރުވުމަށް ފަސޭހަކޮށް ދޭނެ،" ޕެޗް ތައްޔާރު ކުރުގައި ބައިވެރިވި ޑރ. ރިޗަޑް ޖެބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހިތުގެ ފަރުވާތަކަށް "ޕަމްޕިން ހާޓް ޕެޗް" ބޭނުން ކުރުމެވެ.
"އޭގެ މާނައަކީ މިއީ ހާޓްފެއިލިއާއެއް ކުރިމަތިވެފައިވާ މީހަކަށް ޕްރެސްކްރައިބް ކުރެވޭ ބޭހާ އެކު ޑޮކްޓަރުން ލިޔެދޭނެ އެއްޗަކަށް ވެސް ވާނޭ،" ރިޗަޑް ވިދާޅުވި އެވެ.