ޖައްވަށް ދާން ނާސާ އިން ފުރުސަތު ހުޅުވާލައިފި
ޖައްވަށް ދާން ނާސާ އިން ފުރުސަތު ހުޅުވާލައިފި

ޓޫރިސްޓުންގެ ގޮތުގައި ނާސާގެ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނި ގޮތުގައި އަންނަ އަހަރުން ފެށިގެން އައިއެސްއެސް އަށް އަހަރަކު ކުރު ދެ ޕްރައިވެޓް ދަތުރު ބާއްވަން ވަނީ ނިންމައިފަ އެވެ. މިއިން ދަތުރަކަށް ދުވަހެއްގެ އަގަކީ 35،000 ޑޮލަރު (540,750ރ.) އެވެ.

އައިއެސްއެސްގެ ޑެޕިއުޓީ ޑިރެކްޓަރު ރޮބީން ގެޓެންސް ވިދާޅުވި ގޮތުގައި އައިއެސްއެސް އަށް ކުރާ ދަތުރުތަކަށް ޓޫރިސްޓުން ދުރާލައި ގިނަ ތަމްރީނުތަކެއް ވެސް ހަދަން ޖެހޭ އިރު، ދަތުރެއްގައި ގިނަވެގެން ހޭދަކުރާނީ 30 ދުވަހެވެ.

"މިއީ ނާސާ އިން މުޅިން އަލަށް ހުޅުވާލައި ކޮމާޝަލް ދަތުރުތަކެއް އައިއެސްއެސް އަށް ފަށާ ފުރަތަމަ ފަހަރު. އަދި މި ދަތުރުތައް އަހަރެމެން ވަރަށް ބޮޑަށް ބޭނުންވޭ މާކެޓް ކުރަން. ބޭނުމަކީ ޝައުގުވެރިވާ މީހުންނަށް ފުރުސަތު ފަހިކޮށް ދިނުން،" ނާސާގެ ޗީފް ފައިނޭންޝަލް އޮފިސަރު ޖެފް ޑިވިޓް ވިދާޅުވި އެވެ.

ނާސާ އިން ބުނި ގޮތުގައި އައިއެސްއެސް ކުރާ ޕްރައިވެޓް ދަތުރުތައް ކުރިއަށް ގެންދާނީ އީލޮން މަސްކްގެ ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސޫލާއި ބޮއިންގެ ސްޓާލައިނާ ބޭނުންކޮށްގެންނެވެ.

އައިއެސްއެސް އަށް ކޮމާޝަލް ދަތުރެއް އެންމެ ފުރަތަމަ ބޭއްވީ 2001 ގަ އެވެ. އެ ދަތުރުގައި ދިޔައީ އެމެރިކާގެ ވިޔަފާރިވެރިޔާ ޑެނިސް ޓިޓޯ އެވެ. އެ ދަތުރަށް އޭނާ 20 މިލިއަން ޑޮލަރު ހޭދަކުރި އެވެ.