09 ޖޫން 2019 - 14:42

މަގުތައް ހަދައި،ބެލެހެއްޓުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުފައްދަވައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދަން ރައީސް ނެރުއްވި ގަރާރުގައި ވަނީ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، އެ ތަންތަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަކަށެވެ. އެހެންވެ، އެކަމަށް ޚާއްސަ ކުންފުންޏެއް އޮތުން މުހިންމު ކަމަކަށް ވާތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ ކަމަށް ގަރާރުގައި ވެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެއް ރަށާއި އަނެއް ރަށް ގުޅުވާލުމަށް ހަދާ ބްރިޖްތައް ތަރައްގީކޮށް، އެ ތަންތަން ބެލެހެއްޓުމަކީ މުހިންމު ކަމަކަށް ވުމަކީ ވެސް ގަރާރު އުފެއްދި ސަބަބެއް ކަމަށް ރައީސްގެ ގަރާރުގައި ވެ އެވެ.
ގަރާރުގައިވާ ގޮތުން ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ރައުސުލްމާލަކީ 50 މިލިއަން ރުފިޔާ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ސަރުކާރުން ހިންގި އެވެ. ނަމަވެސް، ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ، ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ އުވާލައިފަ އެވެ.
އެމްއާރުޑީސީ އުވާލިއިރު، އެއީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެ އެވެ.
މަގުތައް ހަދައި، ބެލެހެއްޓުމަށް އަނެއްކާ ވެސް ޚާއްސަ ކުންފުންޏެއް މި ސަރުކާރުން އުފެއްދެވިއިރު އެކި ކަންކަމަށް އެހެން ބައެއް ކުންފުނިތައް ވެސް ދާދި ފަހުން ރައީސް ވަނީ އުފައްދަވައިފަ އެވެ.