10 ޖޫން 2019 - 07:52

"ގޭމް އޮފް ތުރޯންސް" ގެ ވާހަކަ ލިޔުނު ޖޯޖް އާރްއާރް މާޓިން ހިއްސާވާ ވީޑިިއޯ ގޭމެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"އެލްޑެން ރިންގް" ގެ ނަން ދީފައިވާ މި ގޭމް ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން އޭގެ ލޯގޯ ވެސް ވަނީ ސޯޝަލް މީޑީގައި ލީކްވެފަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާޓިންގެ ޕްލޮޓަކަށް ބިނާ ކުރާ ގޭމް ޑިވެލޮޕް ކުރަނީ "ޑާކް ސޯލްސް" އާއި "ސެކީރޯ: ޝެޑޯސް ޑައިސް ޓްވައިސް" ފަދަ މަގުބޫލު ގޭމްތައް ގެނެސް ދިން ކުންފުނި ފްރޮމްސްފޮޓްވެއާ އެވެ. އަދި "އެލްޑެން ރިންގް" އަކީ ޕްލޭސްޓޭޝަން 4 އާއި ޕީސީ އާއި އެކްސްބޮކްސް ވަންގައި ނެރޭ ގޮތަށް ފަރުމާ ކުރާ ގޭމެކެވެ.
ބައެއް މީޑިއާތަކުން ގޭމް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެނީ މި ހަފުތާގެ ތެރޭގައި އެމެރިކާގެ ލޮސް އެންޖެލިސްގައި ފަށާ އީ3 ގޭމްސް ކޮންފަރެސްގަ އެވެ. އަދި "އެލްޑެން ރިންގް" އާންމުކޮށް ނެރެން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.
މި ގޭމްގެ ވާހަކަ މީޑިއާތަކަށް ތިލަވުމުގެ ކުރިން ވެސް މާޓިން ވަނީ ވީޑިއޯ ގޭމެއްގެ މަސައްކަތް ކުރާކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ.