ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައި ގަދަ ދުވަސްވަރެއް
ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައި ގަދަ ދުވަސްވަރެއް

މި ދުވަސްކޮޅު ވައި ގަދަކަމުން މިއީ އާދަޔާ ހިލާފު ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި މިއީ އާންމުކޮށް ހުޅަނގު މޫސުމުގައި ރާއްޖޭގައި ވައި ބާރުވާ ނިސްބަތެވެ.

ރާއްޖެ މިހާރު މިވަނީ ހުޅަނގު މޫސުމާ ކުރިމަތިލައިފަ އެވެ. އެ މޫސުމުގެ ގަދަ ވައިގެ އަސަރުތައް މި ވަގުތު ކުރަމުން ދަނީ މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށެވެ.

މިހާރު އާންމު ގޮތެއްގައި ވައި ޖެހެނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ މިންވަރަކަށެވެ. އެކަމަކު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މާލޭ ދެމެދުގެ މިންވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ޑިރެކްޓަ މީޓްރޮލޮޖީ އަހުމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ވަރަށް ވައި ޖެހުމުގެ ސަބަބުން، މެޓުން ބުނަނީ ރާއްޖޭގެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށެވެ.

އަހުމަދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގައި ބައެއް ފަހަރަށް 50 މޭލަށް ވައި ގަދަވާ ކަމަށެވެ.

އެކަމަކު އެއީ މިހާތަނަށް ރާއްޖެއަށް އެންމެ ގަދައަށް ވައި ޖެހުނު ކަމަށް ރެކޯޑުތަކުން ދައްކާ މިންވަރަށް ވުރެ މާ މަޑު ނިސްބަތެކެވެ. މިހާތަނަށް އެންމެ ބާރަށް ވައި ޖެހުނީ 1991 ގައި ސ. ގަމަށެވެ. އެފަހަރު ގަޑިއަކު 103 މޭލަށް ވައި ބާރުވި އެވެ.

މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ތިން ދުވަހު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ އެވެ. ނަމަވެސް ދެކުނު އަތޮޅުތަކަށް ވައި ގަދަ ނުވާނެ ކަމަށް މެޓުން ބުނެ އެވެ.