09 ޖޫން 2019 - 11:01

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހެނދުނު އެނބުރި ފުރާވަޑައިގެންފި އެވެ.

ވެރިކަމާ ދެ ވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ނިންމަވާލެއްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ވެސް ރައީސެވެ.
މޯދީ ދެން ވަޑައިގަންނަވާނީ ވަނީ ސްރީ ލަންކާއަށެވެ.
ރާއްޖެ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެ އަށް ދޭ އެކިއެކި އެހީތަކެވެ.
ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިއްޔެ ވަނީ މޯދީ އަށް ރައީސް އަރުވާފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި މޯދީ ރޭ ތަގުރީރު ކުރެއްވި އެވެ. އަދި އޭނާ ވަނީ ސަރުކާރު ކޯލިޝަންގެ ލީޑަރުންނާ ވެސް ރޭ ބައްދަލު ކުރައްވާފަ އެވެ.
މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން އިންޑިއާ އިން އަބަދުވެސް ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.