06 ސެޕްޓެމްބަރ 2016 - 14:33

ލަންޑަން (ސެޕްޓެމްބަރު 6) - ކެރިއަރުގެ ފަހުކޮޅު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނީ ލިވަޕޫލުން ދެ ވަނަ ފުރުސަތެއް ނުދިނުމުން ކަމަށް އިންގްލެންޑުގެ ކުރީގެ ފޯވާޑް މައިކަލް އޮވެން ބުނެފި އެވެ.
ލިވަޕޫލަށް 100 އަށް ވުރެން ގިނަ ލަނޑު ޖެހުމަށް ފަހު އެ ޓީމު ދޫކޮށް އޮވެން ރެއާލް މެޑްރިޑަށް ބަދަލުވީ 2004 ވަނަ އަހަރު އަށް މިލިއަން ޕައުންޑަށެވެ. ރެއާލަށް އެއް ސީޒަނުގައި ކުޅުމަށް ފަހު އޮވެން އެނބުރި ޕްރިމިއާ ލީގަށް އައިސް ނިއުކާސަލް ޔުނައިޓެޑަށް ސޮއިކުރީ 16 މިލިއަން ޕައުންޑަށެވެ.
ނިއުކާސަލް އަށް ހަތަރު އަހަރު ކުޅުމަށް ފަހު އޮވެން އެ ޓީމު ދޫކޮށްލީ 2009 ވަނަ އަހަރު އެ ޓީމު ޕްރިމިއާ ލީގުން ރެލިގޭޓްވުމުންނެވެ. އެ ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޮވެން ޔުނައިޓެޑަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އޮވެން ބުނީ ލިވަޕޫލަށް އެނބުރި ދިއުމަށް އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް ކާމިޔާބުނުވި ކަމަށެވެ.
"ކޮންމެ ސީޒަނެއް ނިމުމުން ޓްރާންސްފާ މާކެޓްގެ ދުވަސްވަރު އަހަރެން ކެރެގާ (ލިވަޕޫލްގެ ޑިފެންޑަރު)އާ ފޯނުން ގުޅައިގެން ބުނިން ލިވަޕޫލުން ދެ ވަނަ ފުރުސަތެއް ހޯދުމަށް ކޯޗާ ވާހަކަ ދައްކަން. ތަފާތު ތިން ކޯޗެއް ހުރިއިރު އެދުނިން. އެކަމަކު ލިވަޕޫލުގައި އެއިރު ވަރަށް ގިނަ ފޯވާޑުން ތިބި. ލިވަޕޫލުން އަހަރެން ބޭނުންވިއިރު އަހަރެން ހުރީ އަނިޔާގައި،" އޮވެންގެ ފުޓްބޯޅަ ކެރިއަރާ ބެހޭގޮތުން ސައިމަން ހިއުސްގެ ފޮތަށް ދިން އިންޓަވިއުގައި ބުންޏެވެ.
އޮވެން ބުނީ ލިވަޕޫލުން ފުރުސަތު ނުލިބި ހުއްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ހުށަހެޅުން ލިބުމުން ބޭނުންހިފީ ކަމަށެވެ. އަދި ޔުނައިޓެޑުގައި ހުރެ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
ޔުނައިޓެޑަށް ތިން އަހަރު ކުޅުމަށް ފަހު އޮވެން ފުޓްބޯޅަ ކެރިއަރު ނިންމާލީ ސްޓޯކް ސިޓީ އަށް ކުޅެފަ އެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އޮވެން މަސައްކަތް ކުރަމުން އަންނަނީ ބީޓީ ސްޕޯޓްސްގެ ފުޓްބޯޅަ އެކްސްޕާޓެއްގެ ގޮތުގަ އެވެ.