ބިޔަ ޓެކް ކުންފުނިތަކުން މާލީ ބާޒާރަށް ގުޑުންއަރުވަފާނެ: އައިއެމްއެފް
ބިޔަ ޓެކް ކުންފުނިތަކުން މާލީ ބާޒާރަށް ގުޑުންއަރުވަފާނެ: އައިއެމްއެފް

ޓެކްނޮލޮޖީގެ ބޮޑެތި މަދު ކުންފުނިތަކުން ދުނިޔޭގެ މާލީ ނިޒާމަށް ގުޑުން އަރުވާލާފާނެކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިއްޔެ ދީފި އެވެ.

އައިއެމްއެފްގެ އެންމެ އިސް ވެރިޔާ ކްރިސްޓީން ލަގާޑީ ވިދާޅުވީ ދުނިޔޭގެ މާލީ މުއާމަލާތްތަކުގެ ކޮންޓްރޯލް ބިޔަ ޑޭޓާ ބޭސް އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުން ބޭނުންކުރާ މަދު ކުންފުނިތަކެއްގެ އަތްދަށަށް ހިނގައިދާނެ ކަމަށެވެ.

އޭނާގެ ވާހަކަ މި އައީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތަކުގެ ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުން ޖަޕާންގައި ކުރިޔަށް ދާ ދަނޑިވަޅެއްގަ އެވެ.

މި ބައްދަލުވުމުގައި ގޫގުލް އާއި ފޭސްބުކުން ޓެކްސް ދެއްކުމުގައި ހުރި ލޫޕްހޯލްތަކާ މެދު ވެސް މަޝްވަރާކުރި އެވެ. އެގޮތުން ފިނޭންސް މިނިސްޓަރުންގެ ކުރިމަތީގައި އޮތް އެއް ހައްލަކީ އެ ކުންފުނިތަކުގެ މައި މަރުކަޒުތައް ކޮންމެ ގައުމެއްގައި ހުރި ކަމަށް ވިޔަސް، އެ ތަނަކުން ހޯދާ ފައިދާ އިން ޓެކްސް ނެގުމެވެ. މިހާރު އެފަދަ ކުންފުނިތަކުގެ މައި އޮފީސްތައް ހިންގަން ސަމާލުކަން ދެނީ ޓެކްސް ނުނަގާ ނުވަތަ ޓެކްސް ދައްކަން ޖެހޭ މިންވަރު ދަށް ގައުމުތަކަށެވެ.

"މާލީ މާހައުލަށް ފާހަގަކޮށްލެވޭ ފަދަ ގުޑުންތަކެއް ބޮޑެތި ޓެކް ކުންފުނިތަކުން އައުން ވަރަށް އެކަށީގެންވޭ،" ލަގާޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަދު ކުންފުނިތަކުގެ ދަށުގައި ހުންނަ ބިޔަ ޑޭޓާ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މާލީ އެހެން އުފެއްދުންތަކުގެ ތެރެއަށް ވަންނާނެ އެވެ.

"މިއީ މާލީ ދާއިރާގެ ހަމަޖެހުމާއި ފަސޭހައަށް ހުރި ނިޒާމީ ވަރަށް ބޮޑު ގޮންޖެހުމެއް،" ލަގާޑީ ވިދާޅުވި އެވެ

އޭނާ އޭގެ މިސާލު ނެންގެވީ ޗައިނާ އިންނެވެ. އެގޮތުން މިދިއަ ފަސް އަހަރުގެ ތެރޭގައި ޗައިނާ އިން ޓެކްނޮލޮޖީގެ ދާއިރާގައި ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ލަގާޑީ ވިދާޅުވީ މާލީ ތަފާތު އުފެއްދުންތަކަށް އެތައް މިލިއަން ބަޔަކަށް ފުރުސަތު ލިބުނު ކަމަށާއި މަތީ ފެންވަރުގެ ވަޒީފާތައް ވެސް އުފެދުނު ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މޮބައިލް ފޯނުން ކުރާ މާލީ މުއާމަލާތްތަކުގެ 90 ޕަސެންޓް ކޮންޓްރޯލް އޮތީ އެންމެ ދެ ކުންފުނީގެ އަތްދަށުގަ އެވެ.

ކުރިމަގުގައި މާލީ ބާޒާރަށް ގުޑުންއަރާފާނެ ކަމަށް އައިއެމްއެފުން ދެކެނީ އެހާ މަދު ކުންފުންޏަކުން އެހާ ބޮޑު މާކެޓެއް ކޮންޓްރޯލްކުރާތީ އެވެ.