މަހޭޝް ބަޓްގެ "އާތު"ގެ ރިމޭކެއް ހަދަން ތައްޔާރު ވަނީ
މަހޭޝް ބަޓްގެ "އާތު"ގެ ރިމޭކެއް ހަދަން ތައްޔާރު ވަނީ

މަހޭޝް ބަޓް ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އާތު" ގެ ރިމޭކްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ބަޓް 1982 ގައި ގެނެސް ދިން ފިލްމުގެ ރިމޭކެއް ހަދާކަން އިއުލާން ކުރީ 2017 ގަ އެވެ. އޭގެ ދެ އަހަރު ފަހުން ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް، އެއަށް އަދި ކާސްޓް ހަމައެއް ނުޖައްސަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "އާތު" ގައި ސުމީތާ ޕަޓިލް ކުޅުނު ކެރެކްޓާ ވަނީ ބަޓް ގެނެސް ދިން "މާޑާ 2" ގެ ބަތަލާ ޖެކްލިން ފެނަންޑޭޒަށް ހުށަހަޅައިފަ އެވެ.

"އާތު" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޝަބާނާ އަޒްމީ އާއި ކުލްބުޝަން ކަރުބަންދާގެ އިތުރުން މަރުވެފައިވާ ބަތަލާ ސްމީތާ އެވެ. މި ފިލްމުގައި ކިޔައިދެނީ ކައިވެނިން ބޭރުން ފިރިމީހާ ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން އާއިލާއަކަށް ދިމާވާ ހިތްދަތި ހާދިސާތަކެވެ.

"އާތު" ގެ ރިމެކް ޑައިރެކްޓް ކުރާނީ ބައެއް ހިންދީ ފިލްމުތައް ވެސް ކުޅެފައިވާ ބަތަލާ ރިވަތީ އެވެ. އޭނާއަކީ 2014 ގައި ރިލީޒް ކުރި ފިލްމު "2 ސްޓޭޓްސް" ގައި ބަޓްގެ ދަރިފުޅު އާލިއާ ބަޓްގެ މަންމަގެ ރޯލް ވެސް ކުޅުނު ބަތަލާ އެވެ.

ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ "އާތު" ގެ ރިމޭކް ޑައިރެކްޓްކޮށް ދޭން ބަޓް އެދުމުން އެކަމަށް އެއްބަސްވާން ފުރަތަމަ ޖެހިލުންވި ކަމަށެވެ. ސަބަބަކީ އެ ފިލްމަކީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ވަރަށް ވެސް ކާމިޔާބު ކްލަސިކަކަށްވުން ކަމަށް ބުންޏެވެ.

"މި ފިލްމު އަހަންނަށް ޑައިރެކްޓްކޮށް ދެވިދާނެކަން ބަޓަށް ޔަގީންކަން އޮތުމާއި އޭނާ އަހަންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ފިލްމާ ހަވާލުވީ،" ސަލްމާން ހާނާ އެކު "ލަވް" ރިވަތީ ބުންޏެވެ. "އާތުގެ ރިމެކް އަހަރެމެން ގެނެސް ދެނީ މި ޒަމާނަށް ވެސް ފެތޭ ގޮތަށް ކުދިކުދި ބައެއް ބަދަލުތައް ވެސް ގެނެސްގެން."