08 ޖޫން 2019 - 20:07

ތައިލެންޑުގެ ޕުކެޓް އިންޓަނޭޝަނަލް މެރެތަންގެ ފަސް ކިލޯ މީޓަރު ދުވުމުން ދިވެހި ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު (މޯޑް) އެއް ވަނަ ހޯދައިފި އެވެ.
ބެލެވޭ ގޮތުގައި މިއީ ރާއްޖޭން ބޭރުގައި ބޭއްވި މި ރާސްތާގެ ބައިނަލްއަގްވާމީ ރޭހަކުން ދިވެއްސަކު އެއް ވަނަ ހޯދި ފުރަތަމަ ފަހަރެވެ. ޖުމްލަ 1056 ދުވުންތެރިން ވާދަކުރި ފަސް ކިލޯމީޓަރުގެ ރޭސް އޭނާ ކާމިޔާބުކުރީ 16:43 މިނެޓުން ދުވެގެންނެވެ.
އޭނާ މިހާރު ތައްޔާރުވަނީ މިރޭ ފަތިހު ފަށާ މި މެރެތަންގެ ހާފް މެރެތަން ރޭހުގައި ވާދަކުރާށެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ ހާފް މެރެތަން ކެޓަގަރީން އުމުރުފުރާ އިން ތިން ވަނަ ހޯދައިފަ އެވެ. މޯޑު ބުނީ ޕުކެޓަށް ވަރަށް މޫސުން ގޯސްކޮށް ކަމަށާއި އެކަމަކު އުއްމީދުކުރަނީ ހާފް މެރެތަން އިން ވެސް ރަނގަޅު ކާމިޔާބެއް ހޯދަން ކަމަށެވެ.
"ވަރަށް ވިއްސާރަ. ފަސް ކިލޯމީޓަރު ދުވީ ވެސް ފެންގަނޑުގެ ތެރޭގައި. އަނެއްކޮޅުން މިރޭ ފަތިހު އަދި ހާފް މެރެތަން އެއް ދުވަން އޮތީމާ ފަސް ކިލޯމީޓަރު އިވެންޓުގައި ބެސްޓެއް ނުދެން. ޓާގެޓަކީ މިރޭގެ އިވެންޓުން ވެސް ރާއްޖެ އަށް ރީތި ނަން ލިބޭތޯ މަސައްކަތްކުރުން،" މެރެތަން ޝޮޕުން ސްޕޮންސާކޮށްފައިވާ މޯޑް ބުންޏެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ވަޒީފާއަދާކުރާ މޯޑު ވަނީ ސިފައިންގެ އިން ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ޝުކުރުއަދާކޮށްފަ އެވެ.
ސިންގަޕޫރުގައި މިދިޔަ ހަފުތާގައި ބޭއްވި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން ތިން ވަނަ ހޯދި މޯޑް ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގެ ހާފް މެރެތަންގެ އިވެންޓުގައި ދުވެ އުމުރުފުރާ އިން ތިން ވަނަ ހޯދައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި ތިން މިނެޓުގެ ކުރިއެރުމަކާ އެކު 2 ގަޑި 37 މިނެޓުން ފުލް މެރެތަންއެއް ޖަހައިފަ އެވެ.
މެރެތަން ގައި ތިން އަހަރުގެ ތެރޭގައި 14 މިނެޓުގެ ކުރިއެރުމެއް ހޯދި މޯޑް މިހާރު ތައްޔާރުވަނީ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ސްކޮޑުން ފުރުސަތު ހޯދާށެވެ. އެގޮތުން ޖުލައި މަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫ އަށް ފަސް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ފުރާނެ އެވެ. އޭނާ ކުރިން މަސައްކަތްކުރީ އަންނަ މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރެތަން އިވެންޓުން ފުރުސަތު ހޯދާށެވެ. އެކަމަކު އެތުލެޓިކްސް އެސޯސިއޭޝަނުގެ ޓައިމިން މިންގަނޑުގައި ލައްވާނުލުވުމުން ގައުމީ ސްކޮޑުން ފުރުސަތު ނުލިބުނެވެ.