އަލް ޖަޒީރާ ޑޮކިއުމަންޓްރީ ދައްކާނެ: މީޑިއާ ނެޓް
އަލް ޖަޒީރާ ޑޮކިއުމަންޓްރީ ދައްކާނެ: މީޑިއާ ނެޓް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އަލް ޖަޒީރާގެ އިނގިރޭސި ޗެނަލުން މާދަމާ ދައްކާއިރު ރާއްޖޭގެ ބެލުންތެރިންނަށް ފެންނާނެ ކަމަށް ކޭބަލް ޓީވީ ހިދުމަތް ދޭ މީޑިއާ ނެޓުން މިއަދު ބުނެފި އެވެ.

މީޑިއާ ނެޓުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޝިމާނާ އިސްމާއިލް މިއަދު ވިދާޅުވީ އެ ކުންފުނިން ރީ ބްރޯޑްކާސްޓްކުރާ ޗެނަލަކުން ފޮނުވާ ހުރިހާ ޕްރޮގްރާމެއް ވެސް ދައްކާނެ ކަމަށެވެ. އަދި އެ ފަދަ ޕްރޮގްރާމެއް ނުދައްކާނެ އެއްވެސް ހާލަތެއް މިހާތަނަށް ކުރިމަތިވެފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޗެނަލަކުން ފޮނުވާ އެއްޗެއް ނުދައްކަން ނިންމާފައެއް ނެތް. އަލް ޖަޒީރާގެ ޕްރޮގްރާމް ގައިޑްގައި ހިމަނާ ނަމަ ދައްކާނެ،" ޝިމާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލް ޖަޒީރާ އިން ދައްކަން ނިންމާފައިވާ ޕްރޮގްރާމް ދެއްކުން ހުއްޓާލަން ބަޔަކު އަންގައިފި ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ އެ ވަގުތު ކަމަށެވެ. އަދި އެ ޕްރޮގްރާމް ނުދެއްކުމަށް އެއްވެސް ފަރާތަކުން ގާނޫނީ ލަފައެއް ވެސް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުމަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި ގާނޫނާ ގުޅިގެން ބޭރުގެ ޗެނަލްތައް ވެސް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުން ހުއްޓުވުމުގެ ބިރު އެބައޮތެވެ.

ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" ދައްކަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00ގަ އެވެ. މި ޑޮކިއުމެންޓްރީގައި އަރަބި ބަހުން ސަބްޓައިޓްލް ހިމަނައިގެން އަލް ޖަޒީރާގެ އަރަބި ޗެނަލުން ވެސް ދައްކަން ނިންމާފައި ވާކަން އިއްޔެ ރޭ ވަނީ އިއުލާންކޮށްފަ އެވެ.

އެ ޗެނަލުން ކުރި ޓުވީޓެއްގައި ހިމަނާފައިވާ އަރަބި ސަބްޓައިޓްލް ލާފައިވާ ޓްރެއިލާގައިވާ ގޮތުން އަރަބި ޗެނަލުން މި ޑޮކިއުމެންޓްރީ ދައްކާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ރާއްޖެ ގަޑިން ދަންވަރު 12:05 ގަ އެވެ.

އަލް ޖަޒީރާ އިން މި ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން، "އާ ހެކިތަކާ އެކު" ހާމަވާ ގޮތަށެވެ. އެކި މީހުން ސައިކަލުތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް، ޑޮކިއުމެންޓްރީގެ ތަފްސީލުގައިވެ އެވެ.

އަލް ޖަޒީރާ އިން އާއްމުކޮށްފައިވާ ޓީޒާ އިން ފުރަތަމަ ފެންނަނީ ރާއްޖެ ޓީވީގައި ރޯކޮށްލާފައިވާ މަންޒަރެވެ. އޭގެ ފަހުން، ސަރުކާރަށް ތުހުމަތު ކުރާ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. ދައުލަތުން ހަރަދުކޮށް މުއައްސަސާތަކާއި ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލަތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި ވީޑިއޯގައި ނިޔާޒް ކަންބޮޑުވުން ފާޅުކުރައްވަ އެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަން ކުރެއްވި އައިޝަތު ވެލެޒިނީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫހު)ގެ އެޑިޓަރު ޒަހީނާ ރަޝީދުގެ އިންޓަވިއުތަކެއް ހިމެނޭ ޓްރެއިލާއެއް ވެސް ވަނީ އާއްމުކޮށްފަ އެވެ. ކޮރަޕްޝަން ހިންގާ ގޮތް ދައްކައިދޭ، ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފޮޓޯ ހިމެނޭ ޗާޓެއް ވެސް މި ޓްރެއިލާ އިން ފެނެ އެވެ.