08 ޖޫން 2019 - 02:53

ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސް މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ކާރުގެ ފުރޮޅު ފެޅި ކޮންޓްރޯލުން ނެއްޓި ކަހާލައިގެން ގޮސް ހައިވޭގެ ފެންސްގައި ޖެހިފައިވާ ކަމަށެވެ. ލިބިފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ފެންސްގައި ޖެހި ކާރަށާއި ފެންސަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.

މިރޭ 2:30 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެ އަށް ދަނިކޮށް ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހައިވޭގެ މެދަކާ ހިސާބުގައި ހިނގި މި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.
މިއީ ގަވައިދާ އެއްގޮތަށް ރަނގަޅު ޒޯނަށް ރަޖިސްޓްރީކޮށްފައިވާ އަދި ލައިސަންސް އޮތް މީހަކު ދުއްވި ކާރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގެ އިތުރުން މިރޭ 12:45 ހާއިރު ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދިޔަ ސައިކަލަކާއި ހިލާލީ މަގުން ނުކުތް ސައިކަލެއް ޖެހިގެން ވެސް އެކްސިޑެންޓެއް ހިނގި ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި، މީހެއްގެ ނިތްކުރި ފަޅައިގެން ގޮސް އައިޖީއެމްޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓުތައް ތަހުގީގުކުރަމުންނެވެ.