މާގިނައިން ވައިލެވެނީ ކީއްވެ؟
މާގިނައިން ވައިލެވެނީ ކީއްވެ؟

ވައިލެވުމަކީ އާދައިގެ ކަމަކަށް ވިޔަސް، މެދުކެނޑުމެއްނެތި މާ ގިނަގިނައިން ވައި ލެވުމަކީ އެކަކު ވެސް ބޭނުންވާނެ ކަމެއް ނޫނެވެ. ވައި ލެވެނީ ހަށިގަނޑުން ކަމެއް ބުނެދޭން ކަމަށް ވެސް ވެދާނެ އެވެ.

މިކަމާ ބެހޭ ގޮތުން، އެމެރިކާގެ އިންޓަނިސްޓް އަދި ގޭސްޓްރޯއެންޓެރޯލޮޖިސްޓެއް ކަމަށްވާ ޑރ. ނިކަތު ސޯންޕާލް ދެއްވާފައިވާ މައުލޫމާތުތައް ތިރީގައި އެ ވަނީ އެވެ.

ޑޮކްޓަ ސޯންޕާލް ލަފާ ދެއްވާ ގޮތުގައި އަވަސްއަރުވާލައިފައި ކެއުމަކީ ގިނައިން ވައި ލެވުމަށް މެދުވެރިކުރުވާ ކަމެކެވެ. މިގޮތަށް އަވަސް އަވަހަށް ކާނާ ދިރުވުމުގެ ތެރޭގައި ވައި ވެސް އެތެރެވެ އެވެ. މިއަށް ކިޔަނީ "އޭރޯފޭޖިއާ" އެވެ. އަދި މިހެންވުމުން އެތެރެއަށް ދާ ވައި އަނބުރާ ނިކުމެ އެވެ.

ގިނައިން ވައި ލެވެން ދިމާވާ ސަބަބުތަކު ތެރޭގައި ކާން އިންނަ ގޮތް ހިމެނެ އެވެ. ކުޑަ ގޮހޮރަށް ވައި ދަތުރުކުރާ ސަބަބަކަށް މިކަން ވެ އެވެ. ކަންނެތްކޮށް "ވެޑުވިގެން" އިނދެ ކެއުމުން އެ ދިރުވޭ ވައި އީސޯފޭގަސްއާ ހަމައިން އަނބުރާ ނިކުންނަން ދަތުރުކުރެ އެވެ. އެކަމަކު އޮށޯވެ އޮވެ ކާ ނަމަ އެ ވައި ދަތުރުކޮށްފައި ދާނީ އަނެއްކޮޅަށެވެ.

ބައެއްމީހުންނަކީ ކާއެއްޗެހީގައި ހުންނަ ހަކުރުގެ ސަބަބުން ވައި އުފެދޭ މީހުންނެވެ. މިފަދަ މީހުން ހަކުރު ހިމެނޭ އެއްޗެހި ކެއުމުން އެއިން އުފެދޭ ވައިން ވައި ލެވޭ ގޮތް މެދުވެރިވެ އެވެ. ހަކުރު ހުންނަ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސޮޑާ ފާޑޫގެ ފޮނި އެއްޗިއްސަކީ މިފަދަ މީހުންނަށް ގިނައިން ވައި ލެވެން މެދުވެރިކުރާ ބާވަތްތަކެވެ.

ސޯންޕާލް ލަފާ ދެއްވި ގޮތުގައި ގުދުރަތީ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކައިގެން ވެސް ވައިލެވޭ ގޮތް ވެ އެވެ.

ގެއްލުން ނުލިބޭ އެތައް ބިލިއަން، ބެކްޓީރިއާއެއް ކުޑަގޮހޮރުގައި ދިރިއުޅެ އެވެ. އަދި މީގެ ތެރެއިން ބައެއް ބެކްޓީރިއާތައް ގޮހޮރުގެ ސިއްހަތު ރަނގަޅުކުރުމަށް އެހީވެ އެވެ. ބައެއް ކާބޯހައިޑްރޭޓްސްގެ ބާވަތްތައް މުޅިންހެން ހަޖަމުވެގެނެއް ނުދެ އެވެ. އަދި މި ހަޖަމުނުވާ ބައި ބެކްޓީރިއާތައް ހަޖަމްކުރެ އެވެ. ކެބެޖް، ބްރޮކޮލީ ފަދަ ބާވަތްތަކުގައި ރެފިނޯސް ކިޔާ ބާވަތެއް ހިމެނެ އެވެ.

ބެކްޓީރިއާތައް މި ރެފިނޯސް ހަޖަމުކުރާތީ ގިނަ އަދަދަކަށް ގޭސް އުފައްދަ އެވެ. މި ޕްރޮސެސްގައި އުފައްދަނީ އާންމުކޮށް ވަސް ނުހުންނަ ގޭހުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ކާބަންޑައިއޮކްސައިޑް، ހައިޑްރިޖަން، މިތޭން ހިމެނެ އެވެ. އެކަމަކު މަދު މިންވަރަކަށް ހުންނަ ގޭހުން ނުބައި ވަސް ދުވަ އެވެ.