08 ޖޫން 2019 - 08:25

ކަންގަނާ ރަނާވަތު ބަތަލާގެ ރޯލް ކުޅުނު އަދި އަންނަ މަހު ރިލީޒްކުރާ ފިލްމު "މެންޓަލް ހޭ ކިޔާ" އަލުން ޝޫޓް ކުރަން އުޅޭ ކަމަށް ބުނެ ވާހަކަ އެ ފިލްމުގެ ޑައިރެކްޓަރު ޕްރަކާޝް ކޮވެލަމުޑީ ދޮގުކޮށްފި އެވެ.
އޭޝިއަން އޭޖުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ގިނަ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ނިންމީ ކަންގަނާގެ ކެރެކްޓާ ދީފައިވާ ސަމާލުކަން ކުޑަކަން ކަމަށް ފިލްމުން އޭނާ ދައްކައިލި ފުޓޭޖުން ހާމަވާތީ އެކަމާ ހިތްހަމަނުޖެހުންނެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމު އެޑިޓިން ޓޭބަލްގައި މިހާރު އޮތް، ފިލްމުގެ ފޯކަސް އޮތީ ބަތަލުގެ ރޯލް ކުޅުނު އެކްޓަރު ރާޖްކުމާރު ރާއޯގެ ކެރެކްޓާގެ މައްޗަށެވެ. އެހެންވެ އެކަމާ ކަންގަނާ ހިތްހަމަނުޖެހުނީ ކަމަށް ބުންޏެވެ.
ނަމަވެސް އެ ވާހަކަތައް ދޮގު ކުރަމުން ޕްރަކާޝް ބުނީ "މެންޓަލް ހޭ ކިޔާ" ގެ ޝޫޓިން ނިންމައިލި ފިލްމުގެ ހުރިހާ ކާސްޓުން ވެސް ވަރަށް ހިތްހަމަޖެހިގެން ކުރި މަސައްކަތުންނެވެ.
އެހެންވެ ކަންގަނާ ފިލްމާ ދޭތެރޭ ހިތްހަމަނުޖެހިގެން އަލުން، ރި-ޝޫޓަކަށް ދާން ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
"މިއީ މުޅި ޓީމްގެ ހިއްސާ ވަރަށް ބޮޑަށް ލިބިގެން މަސައްކަް ނިންމާލި ފިލްމެއް. އެންމެން ވެސް ތިބީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި. އަދި މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ،" އަންނަ މަހުގެ 26 ގައި ރިލީޒް ކުރާ ފިލްމާ ބެހޭ ގޮތުން ޕްރަކާޝް ބުންޏެވެ.
އިނގިރޭސިވިލާތުގައި ބައެއް މަންޒަރުތައް ނެގި އިރޮޓިކް ބްލެކް ކޮމެޑީ "މެންޓަލް ހޭ ކިޔާ" ގެ ކާސްޓުންގެ ތެރޭގައި ޖިމީ ޝެރްގިލް، އަމީރާ ދާސްތޫރް، ރިޝިތާ ބަޓް، މިމޯހް ޗަކްރަބަތީ އަދި ސަތިޝް ކޯޝިކް ހިމެނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ހާން ވެސް ފެންނާނެ އެވެ.
"މެންޓަލް ހޭ ކިޔާ" އާ ދޭތެރޭ ކަންގަނާ ހިތްހަމަނުޖެހިގެން އުޅޭ ވާހަކަ ޑައިރެކްޓަރު ދޮގު ކުރި އިރު، އެންމެ ފަހުން ސިނަމާ އަށް އައި ކަންގަނާގެ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޓަރު ކްރިޝް އާއި ކަންގަނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެެ.
ސަބަބަކީ އެ ފިލްމުގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ކަންގަނާ ނިންމައި، ފިލްމުގެ ޑައިރެކްޝަނުގެ ކްރެޑިޓް ވެސް ނެގުމެވެ. ޖެނުއަރީގައި ރިލީޒް ކުރި އެ ފިލްމަކީ ކަންގަނާ އަށް ރަސްމީކޮށް ފީޗާ ފިލްމެއްގެ ޑައިރެކްޝަން ލިބުނު ފިލްމެވެ.