07 ޖޫން 2019 - 11:42

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓު އިތުރުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު ލިބުނު ވަރަށް ބޮޑު ކުރި އެރުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު އިތުރު ވެފައި ވަނީ އެންމެ ތިން ޕަސެންޓެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެވްރެޖްކޮށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ދުވަސްތައް ވެސް ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ކުއާޓާލީ އިކޮނޮމިކް ބުލެޓިން"ގެ ރިޕޯޓުން ދައްކާ ގޮތުން، ޓޫރިޒަމް އިންޑަސްޓްރީ އަށް މި ލިބުނު ކުރިއެރުމާ އެކު ފުރަތަމަ ކުއާޓަރުގައި 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ތިން ޕަސެންޓު އިތުރު ވުމެކެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިސްޓުން ޒިޔާރަތް ކުރި މިންވަރު އިތުރުވެފައި ވަނީ ރާއްޖެ އާއި އެހެނިހެން ގައުމުތަކާ ދެމެދު ކުރާ ދަތުރުތައް އިތުރުވުމުންނެވެ. އެގޮތުން، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އަށް އައި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15 ޕަސެންޓު އިތުރުވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ 56 ޕަސެންޓެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް އެ އަދަދު މި އަހަރުގެ ފުރަތަމަ ކުއާާޓަރުގައި ވަނީ 16 ޕަސެންޓަށް އިތުރުވެފަ އެވެ.