މަސްތުވާތަކެތީގެ ބޮޑު މައްސަލަ: ފިރިހެން މީހާގެ ބަންދަށް 10 ދުވަސް
މަސްތުވާތަކެތީގެ ބޮޑު މައްސަލަ: ފިރިހެން މީހާގެ ބަންދަށް 10 ދުވަސް

ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އީދު ދުވަހު ފުލުހުން ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް މިއަދު 10 ދުވަސް ކޯޓުން އިތުރުކޮށްދީފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ދެމައިންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ހުޅުމާލޭ ކޯޓުން މިއަދު ޖަހާދީފައިވާ އިރު އަންހެން މީހާ ދޫކޮށްލީ ބަލި ހާލަތު ހުރި ގޮތުން ޝަރުތު ތަކަކާއެކު އެވެ.

ފުލުހުން ބުނީ އެ މަސްތުވާތަކެއްޗަކީ އެ ފިރިހެން މީހާގެ ތަކެތި ކަމަށާއި އެތަކެތީގެ މައުލޫމާތު އޭނާގެ މަންމަ އަށް ނޭނގޭނެ ކަމަށް ކޯޓުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

އެ މައްސަލާގައި ބަންދުގެ މުއްދަތު އިތުރުކޮށްދީފައި އެ ވަނީ ތިން ފަހަރަށް އެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ފުރަތަމަ އެ ދެ މީހުން ފުރަތަމަ ދޫކޮށްލީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ސައްހަ ނޫން އަމުރަކާ ހެދި ކްރިމިނަލް ކޯޓުންނެވެ. ދެ ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ހުޅުމާލޭ ކޯޓުން ވެސް އެ ދެ މީހުން ދޫކޮށްލީ އެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މީހުން ދޫވުމުގައި ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމެއްވާ ނަމަ އެ ކަމެއް އިސްލާހު ކުރާނެ ކަމަށެވެ.