06 ޖޫން 2019 - 19:28

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މާޒިޔާ އަށް މިދިޔަ ދެ އަހަރު ކުޅުނު މިލޯސް ކޮވަސެވިޗާއި އިތުރު ތިން ކުޅުންތެރިން ގެންނަން ނިންމައިފި އެވެ.
ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ތިން ކުޅުންތެރިއަކު ވަނީ ޔުނައިޓެޑް ވިކްޓަރީއާ ގުޅިފަ އެވެ. އެއީ މިލޯސްގެ އިތުރުން ޖަރުމަނުގައި ކުޅެފައިވާ ބެލަރޫސްގެ މިޑްފީލްޑަރު ޑިމިޓްރީ ކްލަބަސެލާއު އާއި އިންޑިއާ ލީގުގައި ކުޅެފައިވާ ކިރްގިސްތާންގެ މިޑްފީލްޑަރު ބެކްޓާ ޓަލްގަޓް އެވެ. ދެން ޔުނައިޓެޑް ވިކްޓަރީން ގެންނަން ނިންމާފައިވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޔޫތު ޓީމަށް ކުރިން ކުޅުނު ފޯވާޑް ކޯޑެލް ސަމިއުލް އެވެ.
މާޒިޔާއާ އެކު 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި މިލޯސް އަކީ ސާބިއާގެ ސުޕަ ލީގުގެ ހަޖުކް ކުލާ އާއި ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ނޮވީ ސާޑް އަދި ލިތުއޭނިއާގެ ފުރަތަމަ ޑިވިޝަންގެ ސުޑޫވާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކޮވަސެވިޗް ވަނީ ސާބިއާގެ ޔޫތު ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ.
ބެލަރޫސްގެ އެޓޭކިން މިޑްފީލްޑަރު ޑިމިޓްރީ ވަނީ މީގެ ކުރިން 2012 ވަނަ އަހަރު އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. އަދި ކްލަބް ލެވެލްގައި ޖަރުމަނުގެ ޓީމުތަކަށް ވެސް ކުޅެފައިވެ އެވެ. އަދި ކިރްގިސްތާންގެ މިޑްފީލްޑަރު ބެކްޓާ ވަނީ އިންޑިއާގެ ޗާޗިލް ބްރަދާސް އާއި މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ކުޅުނު އައިޒޯލްގެ އިތުރުން އޮމާނުގެ ވަރުގަދަ ކްލަބެއް ކަަމަށްވާ ސުރް އަށް ކުޅެފަ އެވެ.
މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި މި ފަހަރު ވެސް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ މި ފަހަރުގެ ލީގުގެ ޖާގަ ޔަގީންކުރީ މިދިޔަ ސީޒަނުގެ ރެލިގޭޝަން ޕްލޭއޮފްގައި ވެލެންސިއާ ބަލިކުރުމަށް ފަހު އެވެ. މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީން ވަނީ މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) އާއި ރާއްޖޭގައި ހުރި އެންމެ ހަލުވި އެއް ވިންގް އަހުމަދު ނާޝިދު (ނައްޓޭ) އަދި އަހުމަދު ވިސާމް (ޖެރާޑް) ގެނެސްފަ އެވެ،
މީގެ އިތުރުން މިދިޔަ ސީޒަނުގައި ވެސް ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އެފްއޭއެމުން ކްލަބްތަކާ ހިއްސާކޮށްފައިވާ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލްގައިވާ ގޮތުން ލީގުގެ ފުރަތަމަ މެޗުގައި މި މަހު ވަނަ ދުވަހު ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނީ ށ. ފޯކައިދޫއާ އެވެ.