07 ސެޕްޓެމްބަރ 2016 - 06:40

"ރޮކް އޮން" ރިލީޒްވިތާ އަށް އަހަރު ފަހުން ފިލްމުގެ ދެ ވަނަ ބައި "ރޮކް އޮން 2"ގެ ފުރަތަމަ ޓްރެއިލާ ނެރެފި އެވެ.
ފުރަތަމަ ފިލްމުގައި އެކްޓަރު ފަރްހާން އަޚްތަރު ވަނީ ވަރަށް ވަރުގަދަ ޕާފޯމަންސެއް ދައްކާފަ އެވެ. އަދި ފިލްމުގެ ލަވަތައް، ލަވަޔަށް ލޯބިކުރާ ވަރަށް ގިނަ ޒުވާނުންނަށް ވަރަށް މަގްބޫލުވި އެވެ.
މިފަހަރު އެ ފިލްމުގެ މެޖިކް ބޭންޑް ޕަފޯމްކުރަނީ އިންޑިއާގެ ޝިލޯންގްގެ މެގާލަޔާގަ އެވެ.
އޮރިޖިނަލް ފިލްމް "ރޮކް އޮން" ޑައިރެކްޓްކުރީ އަބީޝެކް ކަޕޫރު ނަމަވެސް މިފަހަރު ފިލްމު އުފެއްދުމާ ހަވާލުވެ ހުރީ ޝުޖާތު ސައުދާގަރް އެވެ.
ކުރީ ފިލްމުން ނުފެންނަ އާ މޫނުތަކަކަށް މި ފިލްމުން ފެންނާނީ ބަތަލާ ޝްރައްދާ ކަޕޫރާއި އެކްޓަރު ޝަޝާންކް އަރޯރާ އެވެ. ޝްރައްދާ އަކީ އަލަށް ވިދަމުންދާ ބަތަލާއިންގެ ތެރެއިން އެންމެ ރީތިކޮށް ލަވަކިޔާ ބަތަލާ އެވެ. މި ފިލްމަކީ މިއުޒިކް ބޭންޑެއްގެ މެމްބަރުންތަކެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ކުޅޭ ފިލްމަކަށް ވާތީ ހަގީގަތުގައި ވެސް ރީތިކޮށް ލަވަކިޔާ ބަތަލާއަކު ފިލްމަށް ވަރަށް މުހިއްމެވެ.
ޝަންކަރް އެހްސާން ލޯއި މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމުގެ ގިނަ ލަވަތަކެއް ޝްރައްދާގެ އަޑުން ކިޔައިދީފައިވެ އެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ފުރަތަމަ ޓީޒާ ފެށެނީ ބޮޑު ތުނބުޅިއެއް ލާފައި ހުރި ފަރްހާން ކޯރެއްގައި ބޯޓެއް ދުއްވަނިކޮށެވެ. އެއަށްފަހު ބޭންޑްގެ މެމްބަރުންގެ ވަކިވަކި ތައާރަފްތައް ފެނިގެންދެ އެވެ.
ޓީޒާ ބެލި ގިނަ ބަޔަކު ބުނަނީ ކުރީގެ ފިލްމަށް ވުރެ ވެސް މި ފިލްމު މާ ރީތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.