ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާނެ: ވީއޭއެމް
ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާނެ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައި މިހާރު އޮތް ހިންގާ ކޮމިޓީގެ މެމްބަރުން މަގާމާ ހަވާލުވި ފަހުން އެއްވެސް ފަރާތަކުން އެ އިދާރާގެ ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.

ވީއޭއެމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުށަހަޅާފައިވާތީ ސްޕޯޓްސް މިނިސްޓްރީން އަންނަނީ ތިން މެމްބަރުންގެ ކޮމިޓީއެއް މެދުވެރިކޮށް އެ ކަންތައްތައް ބަލަމުންނެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވީއޭއެމުން ކޮށްފައިވާ ކަންތައްތަކުގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

ގައުމީ ވޮލީބޯޅަ ޓީމުތަކުގެ ޖޯޒީ އާއި ކިޓް ގަތުމަށް އެސޯސިއޭޝަނުން ކޮށްފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކަންތައް ކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާއިރު، މިއަދު އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވަނީ އެކަން ދޮގުކޮށްފަ އެވެ. ވީއޭއެމުން ބުނީ އެ އެސޯސިއޭޝަނަށް ގަނެފައިވާ ތަކެތި ގަތީ އާންމު އުސޫލުގެ ތެރެއިން އެކަން ކުރަން އޮންނަ ގޮތަށް ކޯޓޭޝަން ނަގައިގެން ކަމަށާއި ތަކެތި ހޯދާފައިވަނީ ވެސް އަގުހެޔޮކޮށް ކަމަށެވެ.

މީގެ ކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިން އަތުގައި އޮތީ މެޗު ކުޅޭ ޖޯޒީގެ އިތުރުން ބޭރު ގައުމަކަށް ފުރަންދާއިރު ބޭނުންކުރަން އޮންނަ ޓީޝާޓެއް ކަމަށާއި އެކަން ބަދަލުކުރުމަށް ބައިނަލްއަގްވާމީ ބްރޭންޑެއްގެ ތަކެތި ހޯދަން ނިންމީ ރާއްޖޭގެ ނަން ގަދަރުވެރިކަމާ އެކު ހިފެހެއްޓުމަށް ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ. ގައުމީ ވޮލީ ޓީމު ބޭނުންކުރަމުން އަންނަ ޖޯމާ ބްރޭންޑަކީ އެންމެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމަށް ހަމަޖެއްސި ބްރޭންޑެކެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް 2016 ވަނަ އަހަރުގެ ފަހު ކޮޅުގައި މަގާމަަށް އިންތިހާބުވިއިރު، އޭގެ ފަހުން އެތަކެއް ފަހަރެއްގެ މަތިން އެސޯސިއޭޝަނުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް ވަނީ ބަދަލުވެފަ އެވެ. ގިނަ ފަރާތްތަކުން މަގާމުން އިސްތިއުފާ ދިނީ ލަތީފްގެ ލީޑަޝިޕަށް ފާޑުކިއުމަށް ފަހު އެވެ.

ގައުމީ ޓީމުތަކުގެ ކިޓް ގަނެފައިވަނީ ވީއޭއެމްގެ މިހާރުގެ ސީނިއާ ނައިބް ރައީސް މުޙައްމަދު ފަހުމީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަލްމާ ސްޕޯޓްސްގެ ނަމުގަ އެވެ. ވީއޭއެމުން ބުނީ ޖޯޒީ އާއި ކިޓް ގަނެފައިވަނީ ހިންގާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ ހަރަދުގައި ކަމަށެވެ.

"މި އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީ މަގާމާ ހަވާލުވިއިރު ގައުމީ ޓީމުގެ ޖޯޒީބައެއް ނެތުމުން އެ ތަކެތި ހޯދާފައިވަނީ ހިންގާ ކޮމިޓީ މެމްބަރުންގެ އަމިއްލަ ފައިސާއިންނެވެ،" ވީއޭއެމްގެ ބަޔާނުގައިވެ އެވެ.

"މި އެސޯސިއޭޝަނުގެ ސީނިއާ ވައިސް ޕްރެޒިޑެންޓް (ފަހުމީ)ގެ ނަމުގައިވާ ކުންފުންޏަކުން ގަނެފައިވާ ތަކެތި ގަނެފައިވަނީ، އެ ބޭފުޅާ މި އެސޯސިއޭޝަނުގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމާ ހަވާލުވުމުގެ ކުރިިންނެވެ. މި އެސޯސިއޭޝަންގެ ތަފާތު ހަރަކާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ސްޕޮންސަޝިޕްގެ ދަށުން ސީނިއާ ވައިސް ޕްރެޒިޑެންޓް ވަނީ ހޯއްދަވައިދެއްވާފަ އެވެ."

ވީއޭއެމުން ބުނީ އެ އެސޯސިއޭޝަންގެ ރައީސް ލަތީފާއި ސީނިއާ ނައިބު ރައީސް ފަހުމީ އަދި ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ އެސޯސިއޭޝަނުން ދޭ އެލަވަންސް ނުނަގާ ކަމަށާއި އެ ތިން ބޭފުޅުން އަންނަނީ އެސޯސިއޭޝަނުގެ ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ރާއްޖޭގެ ވޮލީގެ ކަންތައްތައް އިސްލާހުކުރަން ގިނަ މަސައްކަތްތަކެއް ވީއޭއެމުން ކުރަމުން އަންނަ ވަގުތެއްގައި އެ މަސައްކަތަށް ހިޔަނި އެޅޭގޮތަށް އެ އެސޯސިއޭޝަނުގެ ބަހެއް ނެތި ހަގީގަތާ ހިލާފުވާހަކަތެއް ފަތުރާތީ އެކަމާ ހިތާމަކުރާ ކަމަށް ވީއޭއެމްގެ ބަޔާނުގައިވެ އެވެ.

މިހާރު އޮތް ވީއޭއެމްގެ ހިންގާ ކޮމިޓީގައި ތިބީ ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކެއް ކަމަށާއި ވޮލީ ކުރިއެރުވުމަށް އެ އެސޯސިއޭޝަނުން އިސްނަގައިގެންކުރިއަށް ގެންދާ އިސްލާހީ އެޖެންޑާ އަށް ހިޔާލުފާޅުކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް ލަތީފްގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވައިދަށް ބަދަލު ގެނެސް ވޮލީގެ ލޯގޯ އަށް ވަނީ ބަދަލު ގެނެސްފައިވުމުންނެވެ. އަދި އެ ލޯގޯ ކޮމިޝަނަ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ވަނީ ބޭނުންކޮށްފަ އެވެ. މިއީ ގައުމީ އެސޯސިއޭޝަނެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މީޑިއާ ހާޒިރުނުކޮށް މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާ ކުރިއަށްދިޔައީ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށް އެ ޖަލްސާ އަށް ހާޒިރުވި އޮބްޒާވަރެއްގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ޖަލްސާގައި ފާސްކުރި ކަންތައްތައް ފުރިހަމަ އަށް ބަލަން ޖެހޭ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ވޮލީގެ ހިންގާ ގަވައިދުގައި ގެންނަން ނިންމާފައި ހުރި ބަދަލުތަކުގައި ގާނޫނު ތަން ނުދޭ ކަންތައްތަކެއް ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ލަތީފްގެ ދައުރުގައި ވޮލީބޯޅައިގެ ޔޫތު ޑިވެލޮޕްމެންޓަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށާއި އޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގައުމީ ޓީމުތަކުގެ ނަތީޖާތަށް ދަށްވެފައިވާކަން ވޮލީގެ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި ރާއްޖޭގައި ބޭއްވޭ މުބާރާތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްނުދާ ކަމަށާއި މުބާާރާތުގެ ފެންވަރު ވެސް ރަނގަޅުނުވާކަމަށް ވަނީ ބުނެފަ އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި ވޮލީބޯޅައިގެ ގިނަ ފަރާތްތަކުން ވަނީ ވޮލީއާ ހުރި ގިނަ ކަންބޮޑުވުންތަކާ އެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އަަރިހަށް ވެސް ގޮސްފަ އެވެ.