07 ޖޫން 2019 - 08:42

އިނގިރޭސީ ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ މަންޒަރުތަކެއް މިދިޔަ މަހު ނަގަނިކޮށް، ލީޑް އެކްޓަރު ޑެނިއަލް ކްރެއިގްގެ ފަޔަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިގެން، ފިލްމުގެ މަސައްކަތަށް ބުރޫ އަރާފައި ވަނިކޮށް، އަނެއްކާ ވެސް މި ފިލްމަށް އިތުރު މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ފަހަރު އިނގިރޭސިވިލާތުގެ ބަކިމްހަމްޝަޔާގެ ޕައިންވުޑް ސްޓޫޑީއޯގައި، އެއްޗެއް ގޮވާ މަންޒަރު ނަގަން އުޅުމުގެ ތެރޭގައި، އެ ބޭނުންކުރި ކޮންޓްރޯލްޑް އެކްސްޕްލޯޝަންގައި ސްޓޭޖަށް ވަނީ ގެއްލުންވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ސެޓަށް މާ ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް، ކްރޫ މެމްބަރަކު ޒަހަމްވި އެވެ.
މި ވާހަކަ ޖޭމްސް ބޮންޑްގެ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮވުމުގެ ހާދިސާ ހިނގީ އަލިފާން ބޯޅަ ބޭނުންކޮށްގެން ހަދަން އުޅުނު ސްޓަންޓެއް ފެއިލްވެގެންނެވެ.
ކްރެއިގްގެ ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމު އަދި ފަހު ފިލްމުގެ ޝޫޓިންގައި އަނިޔާވީ ޖެމެއިކާގައި ދުވުމުގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި އޭނާގެ ތަނބިކައްޓަށް ގެއްލުންވެފައިވެ އެވެ.
ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ ބޮންޑްގެ އާ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އެޕްރީލް، 8، 2020 ގަ އެވެ.