ފުރަތަމަ ހާފުގައި ކޮންޓްރޯލް ނަގަން މަސައްކަތްކުރާނަން: އަސަދުﷲ
ފުރަތަމަ ހާފުގައި ކޮންޓްރޯލް ނަގަން މަސައްކަތްކުރާނަން: އަސަދުﷲ

ގައުމީ ފުޓްބޯޅަ ޓީމު ފަހަކަށް އައިސް ކުޅޭ މެޗުތަކުގެ ފުރަތަމަ ހާފުގައި ޕްރެޝަރަށް ދާ މައްސަލަ ފާހަގަކުރެވޭ ކަމަށާއި މިރޭ ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ ހާފުގައި މެޗުގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރާނެ ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ބަންގްލަދޭޝް އިން ނުރައްކާކުރި އެވެ. އެކަމަކު ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކާ އެކު އެ މެޗު ރާއްޖެ ކާމިޔާބުކުރީ 5-0 އިންނެވެ.

"ފެށުން އަބަދުވެސް ވަރަށް ދަށްކޮށްދަނީ. އެ ވާހަކަ ވަރަށް ގިނައިން ޓީމުގެ ތެރޭގައި ވެސް ދެކެވޭ. އެކަން ރަނގަޅުކުރަން ވާހަކަދައްކަން. މަސައްކަތްކުރާނަން މި މެޗުގެ ފުރަތަމަ ހާފުގައި ވެސް މެޗުގެ ކޮންޓްރޯލް ނަގައި، މެޗު ކާމިޔާބުކުރަން،" އަސަދުﷲ ބުންޏެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ 2013 ވަނަ އަހަރު ލާއޮސް އަތުން 2-1 އިން ބަލިވެފަ އެވެ. އެކަމަކު އެ ފަހަރު ޒުވާން ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް، ހިމެނުނު ސީނިއާ ޓީމުން ވަނީ 2014 ވަނަ އަހަރު ލާއޮސް އަތުން 7-1 އިން މޮޅުވެފަ އެވެ.

"އެ ފަހަރުގެ ޓީމު މިހާރު ވެސް މިއޮތީ. އަދި އޭރުގެ ޓީމު މިހާރު މިވަނީ ކުރިއެރުން ހޯދާފައި. އަނެއްކާ ހުނަރުވެރި ޒުވާން ކުޅުންތެރިން ވެސް އިތުރުވެފައިވަނީ ޓީމަށް. މަސައްކަތް ކުރެވިއްޖެއްޔާ އުނދަގުލެއް ނެތި މޮޅުވެވޭ ވަރުގެ ޓީމެއް އޮތީ،" އަސަދުﷲ ބުންޏެވެ.

އަސަދުﷲ ބުނީ ބަންގްލަދޭޝް އަތުން ތަފާތު ބޮޑުކޮށް މޮޅުވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި އެކަމަކު އެ މެޗު ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އެ މެޗު މަތިން ހަނދާން ނައްތާލާފައިވާ ކަމަށެވެ.