06 ޖޫން 2019 - 11:32

ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށް، މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއެއް ފާސްކޮށް ފަސް މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މ.ފެޝަންމީޑް އިން ހައްޔަރުކުރީ އުމުރުން 19 އަހަރާއި 47 އަހަރާ ދެމެދުގެ ދިވެހި ފަސް ފިރިހެނުން ކަމަށެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާއި 4 ސެލޯފިން ކޮޅު އެެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް ފަސޭހައިން ނުވަދެވޭނެ ގޮތަށް އެ ގޭގައި ދަގަނޑު ދޮރެއްލާފައި ހުރިއިރު ދޮރު ކައިރީ ސެކިއުރިޓީ ބެލުމަށް މީހަކު ވެސް ބަހައްޓާފައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ގޭތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ލިޔުންތައް ލިޔެފައިވާ ކަމަށް ފުލުުން ބުންޏެވެ.
މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި މިހާރު ކުރަމުން އަންނަނީ ދަގަނޑު ދޮރުތައްލައި ސަލާމަތީ ކަންކަން ވަރުގަދަކޮށްގެންނެވެ. އޭގެ ބޭނުމަކަށް ވެފައި އޮންނަނީ ފުލުހުންނަށް އެ ގޭގެއަށް ފަސޭހައިން ވަދެވޭނެ ފުރުސަތު ނުދިނުމެވެ. ނަމަވެސް ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި އަންނަނީ އެގޭގޭ ރެއިޑް ކޮށް މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.