06 ޖޫން 2019 - 11:15

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރުދުވަހު ރާއްޖެ ވަޑައިގަންނަވާތީ ސަލާމަތީ ސަބަބުތަކަށް ޓަކައި މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާއްމު ކޮށްފައިވާ ޗާޓުން ދައްކާ ގޮތުން ބޮޑުތަކުރުފާނު މަގު، މަސްވެރިން ޕާކުން ފެށިގެން ގޮސް ދަތުރުވެރިން މާރުކޭޓާ ހަމައަށް ވަނީ ބަންދު ކުރާނެ އެވެ. އެ ނޫން ވެސް ގިނަ ސަރަހައްދުތަކެއް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
މިރޭ 7:00 އިން އާދިއްތަ ދުވަހުގެ ރޭ 12:00 އަށް ބައެއް މަގުތަކުގައި ޕާކުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން ބަންދު ކުރާ ސަރަހައްދާއި ގްރީން ޒޯން ސަރަހައްދުގެ އިތުރުން އަމީރު އަހުމަދު މަގާއި މެދުޒިޔާރަތް މަގު ހިމެނެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެ ދުވަހަށެވެ.
މޯދީ އަލަށް ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާ އަށެވެ.