ބާރް ބާރް ދޭކޯ: ލޯބީގެ ފިލްމުތައް ބަލާހިތްވާ މީހުންނަށް ކަމުދާނެ
ބާރް ބާރް ދޭކޯ: ލޯބީގެ ފިލްމުތައް ބަލާހިތްވާ މީހުންނަށް ކަމުދާނެ

ސިދާރްތު މަލްހޯތުރާ އާއި ކެޓުރީނާ ކައިފް ލީޑްރޯލު ކުޅެފައިވާ "ބާރް ބާރް ދޭކޯ" އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ސިދާރްތު އާއި ކެޓުރީނާ މިހާރު އިންޑިއާގެ އެކި ރަށްތަކަށާއި ކޮލެޖު، ޔުނިވަސިޓީ ފަދަ ތަންތަނަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.

މި ފިލްމަކީ ޑައިރެކްޓަރު ނިތިޔާ މެހެރާގެ ފުރަތަމަ ފިލްމެވެ. މީގެ ކުރިން އޭނާ ޑައިރެކްޓަރު މީރާ ނައިރް އާއި ފަރްހާން އަޚްތަރުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެ އެވެ.

"ބާރް ބާރް ދޭކޯ" އަކީ މުޅިން ދެ ޒަމާނަކަށް ނިސްބަތްވާ ލޯބީގެ ވާހަކަ އެކެވެ. އެހެންވެ ޒުވާން ކުދިންނަށް ފިލްމު ވަރަށް ކަމުދާނެކަމަށް ޑައިރެކްޓަރު އުންމީދު ކުރެ އެވެ.

މި ފިލްމުގައި ކެޓުރީނާ ވެސް ވަނީ އާދަޔާޚިލާފު މޮޅު އެކްޓިން ހުނަރެއް ދައްކާފަ އެވެ. ފިލްމުގެ ލަވަތަކާއި އިޝްތިހާރުތައް ބެލި ގިނަ ބަޔަކު ބުނަނީ މިއީ ކެޓުރީނާގެ ފަރާތުން މިއިން ޒަމާނަކު ނުފެންނަ ވަރުގެ މޮޅު އެކްޓިންއެއް އޭނާ ދައްކާފައިވާ ފިލްމެއް ކަމަށެވެ. ޚާއްސަކޮށް ސިދާރްތު އާއި ކެޓުރީނާގެ ކެމިސްޓްރީއަށް ވަރަށް ގިނަ މީހުން ތައުރީފު ކުރި އެވެ. ރަންބީރު ކަޕޫރާ ރުޅިވި ފަހުން ކެޓުރީނާގެ މިޒާޖާއި އުޅުމަށް އަދި އެކްޓުކުރުމަށް ސްޓައިލަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ސިދާރްތު ކެޓުރީނާ އަށް ވުރެ ތިން އަހަރު ހަގު ނަމަވެސް ދެ މީހުން އެކުގައި ފެންނައިރު އުމުރުގެ ތަފާތު އެއްގޮތަކަށް ވެސް ނުދައްކާ ކަމަށް ވެސް ވަރަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

ސިދާރްތު ބުނި ގޮތުގައި ކެޓުރީނާ އަކީ ވަރަށް ޕްރޮފެޝަނަލް އެކްޓަރެކެވެ. އަދި އޭނާ އަކީ ވަރަށް ކުރިއްސުރެ ކެޓުރީނާގެ ރީތިކަމުން އޭނާއަށް ހިތް ކިޔާފައިވާ އެކްޓަރެކެވެ.

އެހެންކަމުން ކެޓުރީނާއާ އެކު މި ފިލްމުގެ މަންޒަރުތައް ކުޅުމަކީ ސިދާރްތު އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނަ ސިފަކުރި އެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ހުރިހާ ލަވައެއް ކަހަލަ ގޮތަކަށް މިހާރު ވާނީ ޗާޓްބަސްޓާތަކުގެ ކުރީގަ އެވެ. ޚާއްސަކޮށް "ކާލާ ޗަޝްމާ" އަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ. މިހާތަނަށް 70 މިލިއަނަށް ވުރެ ގިނަ ފަހަރު ޔޫޓިއުބުން މި ލަވަ ބަލާފައިވެ އެވެ.

ފިލްމުގެ ލަވަތަކާ އެއްގޮތަށް ބެލުންތެރިން ފިލްމަށް ދޭ ތަރުހީބު ވަޒަންކޮށްލެވޭނީ ހުކުރު ދުވަހު ފިލްމު ރިލީޒްކުރުމުންނެވެ.