އާޖެންޓީނާ އެއްވަރުވުމުގެ ފައިދާ އުރުގުއޭ ނަގައިފި
އާޖެންޓީނާ އެއްވަރުވުމުގެ ފައިދާ އުރުގުއޭ ނަގައިފި

މޮންޓެވީޑޯ، އުރުގުއޭ (ސެޕްޓެމްބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާ ކުޅުނު މެޗުން ވެނެޒުއޭލާއާ 2-2 އިން އެއްވަރުވިއިރު، ޕެރަގުއޭ 4-0 އިން ބަލިކޮށް ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގެ އެއްވަނަ އަށް އުރުގުއޭ ޖެހިލައިފި އެވެ.

އާޖެންޓީނާ އެއްވަރުވުމުގެ ފައިދާ އުރުގުއޭ ނަގައިފި
އާޖެންޓީނާ އެއްވަރުވުމުގެ ފައިދާ އުރުގުއޭ ނަގައިފި

ރޭގެ މެޗުތަކުގެ ކުރިން އާޖެންޓީނާ އެއްވަނައިގައި އޮތީ މިދިޔަ ހަފްތާގައި އުރުގުއޭ ބަލިކުރުމަށް ފަހު އެވެ. އެހެން ނަަމަވެސް ރޭގެ ނަތީޖާތަކަށް ފަހު އުރުގުއޭ އެއް ވަނަ އަށް އެރީ އަށް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބްރެޒިލާއި ތިން ވަނައިގައި އޮތް އާޖެންޓީނާ އަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ބްރެޒިލް ދެ ވަނަ އަށް އެރީ ރޭ ކޮލަމްބިއާ އަތުން 2-1 އިން މޮޅުވެ، ލަނޑުގެ ތަފާތުން އާޖެންޓީނާ އަށް ވުރެ ކުރިހޯދައިގެންނެވެ.

އަނިޔާގެ ސަބަބުން ލިއޮނަލް މެސީ ނުލައި ކުޅުނު މެޗުގައި އާޖެންޓީނާ ކޮޅަށް ވެނެޒުއޭލާ އިން ފުރަތަމަ ހާފުގައި ދެ ލަނޑު ޖެހި އެވެ. އެޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ހުއާންޕީ އާއި އަލެކްސެންޑާ ގޮންޒާލޭޒް އެވެ. އާޖެންޓީނާ އިން ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް އެއްވަރުކުރީ ލޫކަސް ޕްރާޓޯ އާއި ނިކޮލަސް އޮޓަމެންޑީ ޖެހި ދެ ލަނޑުންނެވެ.

ޕެރަގުއޭ ކޮޅަށް އުރުގުއޭ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އުރުގުއޭގެ ލަނޑުތައް ކާމިޔާބުކުރީ އެޑިސަން ކަވާނީ އާއި ކްރިސްޓިއަން ރޮޑްރިގޭޒް އަދި ލުއިސް ސުއާރޭޒް އެވެ. މީގެ ތެރެއިން ކަވާނީ ދެ ލަނޑު ޖެހި އެވެ.

ކޮލަމްބިއާ ކޮޅަށް ބްރެޒިލުން ލީޑު ނެގީ ކެޕްޓަން ޔާއޯ މިރަންޑާ ޖެހި ލަނޑުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޮލަމްބިއާ އިން އެއްވަރުކުރީ ބްރެޒިލްގެ ޑިފެންޑަރު މާކުއީނިއޯސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މެޗު ނިމެން 15 މިނިޓަށް ވެފައިވަނިކޮށް ބްރެޒިލް މޮޅުކޮށްދިނީ ނޭމާ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކޮޕަ އެމެރިކާގެ ޗެމްޕިއަން ޗިލީ ވަނީ ބޮލިވިއާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި އެކުއެޑޯ އަތުން ޕެރޫ މޮޅުވީ 2-1 އިންނެވެ.