05 ޖޫން 2019 - 18:51

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުން ދެމުން އަންނަ ހާއްސަ ރައްކާތެރިކަން އެ ގޮތުގައި ދަމަހައްޓަން ޖެހޭތޯ ބަލައި އަނެއްކާވެސް މުރާޖައާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމަރަށް ސެކިއުރިޓީ ދެމުން އަންނަނީ އޭނާ އަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޖުލައި 31، 2016 އިން ފެށިގެން ކަމަށެވެ.
އުމަރުގެ ސެކިއުރިޓީ އެކު ފަހަރުމަތިން ރިވިއުކޮށްފައިވާ ކަމަށާއި އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ވެސް ރިވިއު ކުރި ކަމަށް ފުލުހުން ބުންޏެވެ.
އުމަރުގެ އޮފީސްކައިރިއަށް ބަޔަކު ގޮސް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅީ 2016 ގަ އެވެ. ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގި އެހާދިސާއާ ގުޅިގެން އޭރު އުމަރު ވިދާޅުވީ އޭނާއަށް އިންޒާރު ދިނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އޭނާއަށް ހާއްސަ ރައްކާތެރިކަން ދެމުން އަންނަނީ އޭރުން ފެށިގެންނެވެ.
އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގް އެޅުވުމުން އޭރުގެ ސަރުކާރުގެ ތެރެއިން ވެސް އުމަރަށް ފިއްތުންތައް ކުރިމަތިވެ އަދި ގޭންގުތަކުން ވެސް އިންޒާރު އައިސްފައިވެ އެވެ.