05 ޖޫން 2019 - 18:01

ޕެރިސް، ފްރާންސް (ޖޫން 5) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފި އެވެ.

ޕެރިހުގައި މިއަދު ކުރިއަށްދިޔަ ފީފާގެ ކޮންގްްރެސްގައި އިންފަންޓީނޯ އިތުރު ދައުރަކަށް އިންތިހާބުކުރިއިރު، އެހެން ކެންޑިޑޭޓަކު ވާދައެއްނުކުރައްވަ އެވެ. އެހެންކަމުން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފީފާގެ ރައީސްގެ މަގާމާ ހަވާލުވި އިންފަންޓީނޯ 2023 ވަނަ އަހަރުގެ ނިޔަލަށް މަގާމުގައި ދެމިހުންނަވާނެ އެވެ.
ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފަ އެވެ.
ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގެ ތެރޭގައި ފީފާ އޮއްވައި އިންފަންޓީނޯ ވަނީ ފީފާ އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދު ފީފާ އަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
މި އަހަރުގެ ކުރީކޮޅުގައި އިވެންޓެއްގައި ވާހަކަ ދައްކަވަމުން އުމުރުން 49 އަހަރުގެ އިންފަންޓީނޯ ވިދާޅުވީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ މިހާރު އޮތީ ވަރަށް ބޮޑަށް ރިފޯމްކުރެވިފައިކަމަށާއި ގިނަ ބައެއްގެ އިތުބާރު އަލުން ލިބިއްޖެކަމަށެވެ. އިންފަންޓީނޯ ވަނީ މިއަދުގެ ކޮންގްރެސްގައި ވެސް އެ ވާހަކަތައް ތަކުރާރުކުރައްވައިފަ އެވެ.
"މިއަދު އެއްވެސް ބަޔަކު މައްސަލަތަކެއްގެ ވާހަކައެއް ނުދައްކާ. އެއްވެސް މީހަކު ނުދައްކާނެ ފީފާގެ ކަންތައްތައް އަލުން ސުމަކުން ފަށަންޖެހޭ ވާހަކައެއް. އެއްވެސް މީހަކު ކޮރަޕްޝަނާއި އެ ނޫން ހަމަނުޖެހުންތަކުގެ ވާހަކައެއް ވެސް ނުދައްކާނެ. ހަމައެކަނި މަޝްވަރާކުރެވޭނީ ފުޓްބޯޅައިގެ ކަންތައްތައް،" ފީފާގެ ކޮންގްރެސްގައި ބައިވެރިވި 211 މެމްބަރު އެސޯސިއޭޝަންތަކާ މުހާތަބުކޮށް އިންފަންޓީނޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި ފީފާގެ މަލަމަތި އެއްކޮށް ބަދަލުކުރެވިފައިވާ ކަމަށެވެ.
"ވޭތުވެދިޔަ ތިން އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި އަހަރެމެން މި ވަނީ ވަރަށް ގިނަ ކަންތައްތައް ބަދަލުކޮށްފައި. ގިނަ ތުހުމަތުތަކެއް ރައްދުވެފައި އޮތް ފީފާގެ ކަންތައްތައް މިހާރު އޮތީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާއި ފުޓްބޯޅައިގެ ކަންތައްތަކަށް ހުސްވެފައި،" އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯގެ މި ދައުރުގައި އޭނާ އަށް ކުރެވިދިޔަ އެންމެ ބޮޑު މަސައްކަތްތަކަށް ބަލާއިރު 32 ޓީމު ބައްދަލުކުރަމުން އައި ވޯލްޑް ކަޕް 48 ޓީމު ބައިވެރިވާ ގޮތަށް އިތުރުކުރުން ހިމެނެ އެވެ. އެ ބަދަލު ފެންނާނީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުންނެވެ.
އޭގެ އިތުރުން މިހާރު އާދައިގެ ގޮތަކަށް ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް ރީބްރޭންޑްކޮށް 24 ޓީމަށް ވާދަކުރެވޭގޮތަށް 2021 ވަނަ އަހަރު ފަށަން ވަނީ ނިންމައިފަ އެވެ. ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގައި ހަތަރު އަހަރުން އެއް އަހަރު ޖޫން މަހު ބާއްވާގޮތަށް މަޝްވަރާކުރެވިފައިވާ އާ ކްލަބް ވޯލްޑް ކަޕާ މެދު ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) ހިތްހަމަނުޖެހެ އެވެ. އެކަމަކު ފީފާ އިން އަންނަނީ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ. އެ ފެޑެރޭޝަނުގައި ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތްކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ލިބިވަޑައިގަތެވެ. އަދި އޭގެ ދެ އަހަރު ފަހުން ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފްކުރައްވައި 13 ގައުމުގައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޕްލޭނުގެ މަސައްކަތްކުރެއްވި އެވެ.