އެކްޓަރު ދިނިޔާރު ކޮންޓްރެކްޓާ މަރުވެއްޖެ
އެކްޓަރު ދިނިޔާރު ކޮންޓްރެކްޓާ މަރުވެއްޖެ

ފިލްމުތަކުގައި ހެއްވާ މަޖާ ރޯލްތަކެއް ކުޅެފައިވާ ކުރީގެ މަޝްހޫރު އެކްޓަރު ދިނިޔާރު ކޮންޓްރެކްޓާ މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 79 އަހަރުގެ އެކްޓަރު މަރުވީ މުސްކުޅި ބަލީގައި ކަމަށެވެ.

ދިނިޔާރުގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް މި ފަހަރު އިންތިހާބުވި ޓީވީ ބަތަލާ އަދި ކުރީގެ މިނިސްޓަރު ސުމިރުތީ އިރާނީގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި ހިތާމަ ފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.

ހިންދީ ސިނަމާގެ އިތުރުން ދިނިޔާރު ވަނީ އިންޑިއާގެ އެހެން ބަސްބަހުން ވެސް ހަދާ ގިނަ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި މަސައްކަތްކޮށްފަ އެވެ. ހިންދީ ސިނަމާ އިން އޭނާގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ރޯލްތައް ފެނިފައި ވަނީ ޑައިރެކްޓަރު އައްބާސް-މަސްތާންގެ ފިލްމުތަކުންނެވެ.

އެގޮތުން އެ މީހުންނާ އެކު "ދަރާރު"، "ބާދުޝާހް"، "36 ޗައިނާ ޓައުން" އަދި "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" ގައި މަސައްކަތްކޮށްފައިވެ އެވެ.

އިންޑިއާގެ ސިނަމާ އަށް ކޮށް ދިން ދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ޝްރީ އެވޯޑް ވެސް ދިނިޔާރަށް ލިބިފައިވެ އެވެ.