06 ޖޫން 2019 - 07:33

އެޕަލްގެ ހޯމްޕޮޑަށް ދޭ ރައްދެއްގެ ގޮތުގައި ސެމްސަންގުން ނެރޭ ސްމާޓް ސްޕީކަރު، ގެލެކްސީ ހޯމް ނެރުން ފަސްކޮށްފި އެވެ.
ޓެކް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ކުރިން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނެރެން ޕްލޭން ކުރި ގެލެކްސީ ހޯމް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު ހިސާބުގަ އެވެ. އަދި މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ ކުރިން ޕްލޭން ކުރި ގެލެކްސީ ހޯމް އަށް ވުރެ ސައިޒުން ކުޑަ، ވާޝަނަކަށް ދާން ސެމްސަންގުން ބޭނުންވުމެވެ.
ސެމްސަންގްގެ ކޮންޒިއުމާ އިލެކްޓޯނިކްސްގެ ސީއީއޯ ކިމް ހޫން-ސުކް ވެސް ވަނީ ގެލެކްސޯ ހޯމް ނެރުން ފަސްކުރިިކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ސްމާޓްފޯނުގެ ވިޔަފާރީގައި ވެސް އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާ ސެމްސަންގުން ގެލެކްސީ ހޯމް ނެރޭކަން އިއުލާން ކުރީ އޮގަސްޓް، 9، 2018 ގެ ގެލެކްސީ ނޯޓް 9 އާއި ގެލެކްސީ ވޮޗް ދައްކައިލަން ބޭއްވި އިވެންޓްގަ އެވެ.