05 ޖޫން 2019 - 11:39

ބީނޯޒް އޭރީޒް (ޖޫން 5) – މެންޗެސްޓާ ޔުނައިޓެޑުން ކޯޗެއް ބޭނުންވާނަމަ އޭނާ ހުރީ އެ މަގާމާ ހަވާލުވާން ތައްޔާރަށް ކަމަށް މެކްސިކޯގެ ދެ ވަނަ ޑިވިޝަނުގެ ޑޮރަޑޮސް ޑި ސިނަލޯގެ ކޯޗު އަދި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މަރަޑޯނާ ބުނީ އެލެކްސް ފާގަސަން އަށް ފަހު ޔުނައިޓެޑާ ހަވާލުވި އެއްވެސް ކޯޗަކަށް އެ ޓީމުން ބޭނުންވާ ފެންވަރުގެ ކާމިޔާބީތަކެއް ނުހޯދޭ ކަމަށާއި އެކަން ހާސިލްކުރުމުގެ ގާބިލްކަން އޭނާގެ އެބަހުރި ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑުން ކޯޗެއް ބޭނުންނަމަ އަހަރެން މިހުރީ ތައްޔާރަށް. އަހަންނަށް އެނގޭ އެ މީހުން ކުޅުންތެރިންގެ ޖޯޒީ ވިއްކައިގެން ވަރަށް ގިނަ އާމްދަނީ ހޯދާކަން. އެކަމަކު ކާމިޔާބު ކަމަށް ބެލެވޭނީ ތަށި ވެސް ހޯދައިގެން. އަހަންނަށް އެކަން ކޮށްދެވިދާނެ،" ކޯޗެއްގެ ގޮތުގައި މިހާތަނަށް ތަށްޓެއް ހޯދިފައިނެތް މަރަޑޯނާ ބުންޏެވެ.
ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޕައުލް ޕޮގްބާ ފަދަ ކުޅުންތެރިން ވަރަށް ބޮޑަށް ފަރުވާކުޑަވުންކަމަށް މަރަޑޯނާ ބުންޏެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން މަރަޑޯނާ ބުނީ އޭނާ އަކީ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރެއް ނަމަވެސް މިހާރު ސަޕޯޓްކުރަނީ މެންޗެސްޓާ ސިޓީ އަށް ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑަކީ ކުރިން އަހަރެން އެންމެ ސަޕޯޓްކުރާ އިނގިރޭސި ޓީމު. ފާގަސަންގެ ކޯޗުގައި އެ މީހުން ވަރަށް މޮޅު. އެކަމަކު މިހާރު އަހަންނަކީ މެންޗެސްޓާ ސިޓީގެ ސަޕޯޓަރެއް. ސަބަބަކީ އަގުއޭރޯ. އަހަރެންނާއި އަގުއޭރޯއާ ދެމެދު ހާއްސަ ގުޅުމެއް އޮވޭ،" މަރަޑޯނާ ބުންޏެވެ.
މިދިޔަ އަހަރު މަރަޑޯނާ ވަނީ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާގެ ކޯޗުކަމުން އޭރު އެ މަގާމުގައި ހުރި ޖޯޖް ސަމްޕައޮލީ ވަކިކުރުމުން އެ ޓީމަށް ހިލޭ ކޯޗުކޮށްދޭން ތައްޔާރުކަމަށް ބުނެފަ އެވެ.
މިހާރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ އޮލެ ގުނަ ސޯލްޝެއާ އަކީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން އެ ޓީމާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން އެ މަގާމުގައި ހުރި ކޯޗުންނަށް ބަލާއިރު ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލް އަދި ހޯސޭ މޮރީނިއޯ ހިމެނެ އެވެ.
މޮރީނިއޯ އާއި ވެން ހާލް ޔުނައިޓެޑް ދޫކޮށްދާން ޖެހުމުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާ ޖެހުނު މައްސަލަތެކެވެ. ދާދި ފަހުން ވެން ހާލް ދިން އިންޓަވިއުއެއްގައި ބުނީ ވުޑްވާޑަކީ ފުޓްބޯޅައިގެ އެއްވެސް އިލްމެއް ލިބިފައިނެތް މީހެއް ކަމަށާއި އޭނާ އަށް ޓީމުގެ ބޮޑެތި ބާރުތަކެއް ދީގެން ޔުނައިޓެޑުން ބޭނުންވާ މިސްރާބަށް ނުދެވޭނެ ކަމަށެވެ.