ރެޔެސްގެ ދަރިފުޅުގެ ހަރަދުތަކާ ރެއާލުން ހަވާލުވެއްޖެ
ރެޔެސްގެ ދަރިފުޅުގެ ހަރަދުތަކާ ރެއާލުން ހަވާލުވެއްޖެ

މެޑްރިޑް (ޖޫން 5) - ކާރު އެކްސިޑެންޓެއްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި ސްޕެއިނުގެ ފުޓްބޯޅަ ކުޅުންތެރިޔާ ހޯސޭ އެންޓޯނިއޯ ރެޔެސްގެ 11 އަހަރުގެ ދަރިފުޅު ލޮޕޭޒްގެ ހުރިހާ ހަރަދެއް ބަލަން އޭނާގެ ކުރީގެ ކްލަބް ރެއާލު މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމަވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެޔެސްގެ ދަރިފުޅުގެ ހަރަދުތަކާ ރެއާލުން ހަވާލުވެއްޖެ
ރެޔެސްގެ ދަރިފުޅުގެ ހަރަދުތަކާ ރެއާލުން ހަވާލުވެއްޖެ

ސްޕެއިނުގެ ތަޖުރިބާކާރު ނޫސްވެރިޔާ ކްރިސްޓޮބަލް ސޯރިއާ ބުނީ ރެޔެސްގެ ދަރިފުޅު ލޮޕޭޒްގެ އުމުރުން 18 އަހަރު ވަންދެން އޭނާގެ ހުރިހާ ކަމެއް ބަލަހައްޓާނީ އޭނާގެ ބައްޕަ ރެޔެސް ކުރިން ކުޅުނު ރެއާލުން ކަމަށެވެ.

"ރެއާލްގެ ރައީސް ޕްރޭޒް އަހަރެން ގާތުގައި ބުނީ ލޮޕޭޒްގެ ކަންތައްތަކާ ރެއާލުން ހަވާލުވާނެކަމަށް. ލޮޕޭޒްގެ ކަންތައްތައް ބަލާނެ ގޮތް ރެއާލުގެ ބޯޑު މެމްބަރުންގެ މެދުގައި މަޝްވަރާކުރެވި މިހާރު ވަނީ ހުރިހާ ކަމެއް ހަމަޖެހިފައި. މިއީ ވަރަށް ރަނގަޅު ނިންމުމެއް،" ސޯރިއާ ބުންޏެވެ.

ސޯރިއާ ބުނީ މިހާރު ލެގަނޭސް ޖޫނިއާ ޓީމަށް ކުޅެމުން އަންނަ ލޮޕޭޒް މި ސީޒަނަށް ފަހު ރެއާލާ ގުޅޭނެ ކަމަށާއި އެ ހިސާބުން ރެެއާލުން އޭނާގެ ޑިވެލޮޕްމަންޓުގެ މަސައްކަތްތައް ވަރަށް ފުރިހަމަ އަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ރެޔެސް ރެއާލަށް ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން 2006-2007 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، ލީގުގެ ފަހު މެޗުގައި ޑޭވިޑް ބެކަމްގެ ބަދަލުގައި ކުޅެން އަރައި ރެޔެސް ވަނީ މުހިއްމު ދެ ގޯލު ޖަހައިފަ އެވެ.

އުމުރުން 35 އަހަރުގައި ރެޔެސް މަރުވިއިރު ކުޅެމުން އައީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ އެކްސްޓްރަމަޑޫރާ އަށެވެ. ސްޕެއިނުގެ ޕޮލިހުން ކުރާ ތަހުގީގަށް މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރެޔެސް އެކްސިޑެންޓްވީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެން ބާރަށް ދުއްވަމުން ދަނިކޮށެވެ.

އުމުރުން އެންމެ 16 އަހަރުގައި ސެވިއްޔާ ސީނިއާ ޓީމަށް ކުޅެ އެ ކްލަބްގެ ތާރީހުގައި އެ ޓީމަށް މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ ރެޔެސް ބޮޑަށް ފާހަގަވާން ފެށީ 2004 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވި ހިސާބުންނެވެ. އާސެނަލުން މެޗަކުން ބަލިނުވެ ލީގު ހޯދި ސީޒަނުގައި ރެޔެސް ވަނީ ކުޅެފަ އެވެ.

ސްޕެއިނުގެ ކޯޑޯބާ އާއި ޗައިނާގެ ޒިއަންޖިއާން ޓިއަންޝަން އަށް ވެސް ކުޅުނު ރެޔެސް ވަނީ އެސްޕަންޔޯލާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފަ އެވެ. އޭނާ އެކްސްޓްރަމަޑޫރާ އަށް ބަދަލުވީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ރެޔެސް އަކީ އުނާއި އެމެރީގެ ކޯޗުކަމުގައި ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި ސެވިއްޔާ ޓީމުގެ ކުޅުންތެރިޔެކެވެ. އޭނާ ވަނީ އެކި އުމުރުފުރާގެ ސްޕެއިން ގައުމީ ޓީމުތަކަށް ކުޅުމުގެ އިތުރުން ސްޕެއިނުގެ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ.