06 ސެޕްޓެމްބަރ 2016 - 11:19

ލަންޑަން (ސެޕްޓެމްބަރު 6) - އިނގިރޭސި ކްލަބްތަކުން ފުޓްބޯޅައިން ފައިސާ ހޯދަން ވިސްނަންޏާ، ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ގެނައުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނެފި އެވެ.
ސްކޯލްސް ބުނީ، ޔޫރަޕުގެ މުބާރާތްތަކުގައި ސްޕެއިނުގެ ކްލަބްތަކުން ހޯދަމުން އަންނަ ކާމިޔާބީތަކުން ދައްކައިދެނީ، ފުޓްބޯޅައިގެ ފެންވަރަށް ބަލާއިރު އިންގްލެންޑުގެ މައްޗަށް ސްޕެއިން ކުރި ހޯދާފައިވާކަން ކަމަށެވެ.
"ޔޫރަޕުގެ މުބާރާތްތަކަށް ބަލާނަމަ އެންމެ ވަރުގަދަ ލީގަކީ ސްޕެނިޝް ލީގު. އެންމެ ފަހުގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު 16 ޓީމުގެ ތެރެއިން ހަ ޓީމު ނިސްބަތްވަނީ ސްޕެއިނަށް. އެއީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި. ޕްރިމިއާ ލީގުން އޮތީ އެންމެ ދެ ޓީމު،" ސްކޯލްސް ބުންޏެވެ.
ސްކޯލްސް ބުނީ މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ކެވިން ޑި ބްރޭނާ އަދި ޑޭވިޑް ސިލްވާ ފިޔަވައި، އިންގްލެންޑުގައި ދުނިޔޭގެ ފެންވަރުގެ ތަރިއެއް ނެތް ކަމަށެވެ.
"އެންމެ މޮޅު ކުޅުންތެރިން އެތިބީ ސްޕެއިން ނުވަތަ ބަޔާން މިއުނިކް ނޫނީ ޔުވެންޓަސްގައި. ބޮޑެތި ކުޅުންތެރިން ގެންނަ ވާހަކަދެކެވޭ. ގަރެތު ބޭލް އަކީ އެފަދަ ކުޅުންތެރިއެއް. އެކަމަކު އޭނާ މިހާރަކު ނުލިބޭނެ. ލިއޮނަލް މެސީ މި ލީގަށް އަންނަތަން ނުފެންނާނެ. ނޭމާއެއް ނުފެންނާނެ ޕްރިމިއާ ލީގުން،" ސްކޯލްސް ބުންޏެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސެންޓްރަލް މިޑްފީލްޑަރު ބުނީ މިދިޔަ ދެ އަހަރަށް ބަލާއިރު އިނގިރޭސި ލީގުން އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ މެޗެއް ފެނުނު ހަނދާން އޭނާ ނުވާ ކަމަށެވެ. އަދި އެހެން އެވަނީ، މޮޅު ފުޓްބޯޅަ ކުޅުވުމަށް ވުރެ، މާލީ ފައިދާ ނެރެން ކްލަބްތަކުން ވެރިން ވިސްނާތީ ކަމަށެވެ.
"ގިނަ އޯނަރުން ޝައުގުވެރިވަނީ ފުޓްބޯޅަ ކްލަބުން ފައިސާ ހޯދަން. ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ފެންނަ ކުޅުމަކާ މެދު ނުވިސްނާ،" ސްކޯލްސް ބުންޏެވެ.