29 މެއި 2016 - 12:49

އެކްޓަރު ރިތިކް ރޯޝަންގެ އާ ފިލްމު "މޯހަންޖޯ ޑާރޯ" އޮގަސްޓް 12 ވަނަ ދުވަހު ރިލީޒްކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ރިތިކް ބުނާ ގޮތުގައި މި ފިލްމަކީ އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު އެއް ފިލްމަށް ވާނެ އެވެ.
މި ފިލްމަކީ ވަރަށް ކުރީ ޒަމާނެއްގައި ހިނގި ހާދިސާއަކަށް ތައްޔާރުކުރާ ފިލްމަކަށް ވާތީ އޭނާއަށް ދަތުރުކުރަން ޖެހިފައި ވަނީ މާ ފަހަތަށް ކަމަށް ރިތިކް ބުންޏެވެ. އަދި މިއީ ވަރަށް ހިތްހަމަޖެހޭ ތަޖުރިބާއެއް ކަމަށާއި ފިލްމު ބަލާފައި ބެލުންތެރިން ވެސް އޭނާ މިބުނަނީ ތެދެއްކަން ގަބޫލުކުރާނެ ކަމަށް ވެސް ރިތިކް ބުންޏެވެ.
އަލަށް ތައާރަފްވީ ޕޫޖާ ހެގްޅޭ އާއި ކުރީގެ އެކްޓަރެއް ކަމަށްވާ ކަބީރު ބޭދީއާ އެކު ރިތިކް ކުޅޭ މި ފިލްމަކީ ކުރީ ޒަމާނުގެ އެޑްވެންޗާ-ރޮމޭންސް ފިލްމެކެވެ.
އިންޑަސް ވެލީގެ ހަޒާރަތުގެ ޒަމާނުގައި 2600 ބީސީގެ ތާރީޚުގައި "މޯހެންޖޯޑާރޯ" ކިޔާ ރަށެއްގައި ހިނގި ހާދިސާތަކަކަށް މި ފިލްމު ބިނާކޮށްފައި ވެއެވެ. މިހާރު އެހިސާބުގަނޑަކީ ޕާކިސްތާންގެ ސިންދު ޕްރޮވިންސެވެ.
އަޝޫތޯޝް ގޮވަރިކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރިތިކް އާއި އަޝުތޯޝް އެކުގައި ބައިވެރިވާ ދެ ވަނަ ފިލްމެވެ. މީގެ ކުރިން ރިތިކް ވަނީ އަޝޫތޯޝް ޑައިރެކްޓްކުރި "ޖޯދާ އަކްބަރް" ގައި އަކްބަރްގެ ރޯލު އަދާކޮށްފަ އެވެ.