06 ސެޕްޓެމްބަރ 2016 - 13:06

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންކުރުމުގެ އެންމެ ފަހު އެއް މަސައްކަތުގެ ގޮތުން ބޯޓު ހުސްކުރަން އޭގައި ހުރި ހިލަތައް ފަރުމައްޗަށް އުކާލަން ފަށައިފި އެވެ.

ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ޖަމްބޯ ބޭގްތަކުގައި ހުރި ހިލަތައް މޫދަށް އުކާލަން ނިންމީ ބޯޓުގެ ސަބަބުން ފަރަށް އިތުރު ގެއްލުމެއް ލިބުނަ ނުދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަފްތާއެއް ތެރޭގައި ބޯޓު ފުން ކުރެވޭނެ އެވެ. މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ވަނީ 15 ދުުވަހަށް މުއްދަތު އިތުރުކޮށްދީފަ އެވެ.
"ފަރަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ވިސްނައިގެން އެކަން ކުރަން ނިންމީ، އަދި އިތުރު އޮޕްޝަނެއް ވެސް ބޯޓު ފުން ކުރުމުގައި ނެތިގެން،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫދަށް އުކާލާ ހިލަތައް ފަހުން ނެގޭ ގޮތް ވެއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ މުދާ ހިފައިިގެން އެރަށަށް ދިޔަ "އެމްވީ އެންޖީއޯސީ ސަން"، ފުން ކުރުމުގެ މަސައްކަތުގައި ބައިވެރިވާ އިސް މީހަކު ބުނި ގޮތުގައި ގާތްގަނޑަކަށް 3000 ޓަނުގެ ބޯޓުގައި ހުރި 5700 ބޭގްގެ ހިލައިގެ ތެރެއިން މިހާތަނަށް 200 އަށް ވުރެ ގިނަ ބޭގް ވަނީ މޫދަށް އުކާލައިފަ އެވެ.
"ބޯޓުން ތެޔޮ ހުސްކޮށްފައި އެކަން ކުރަނީ، ބޯޓު ފުންކުރެވޭ ވަރަށް ލުއި ވަންދެން ހިލަތައް މޫދަށް އުކާލާނެ،" މަސައްކަތުގައި އުޅޭ މީހަކު ބުންޏެވެ.
"ބޯޓުގެ ކްރޭން ބޭނުންކޮށްގެން ބޭގްތައް ނެގުމަށް ފަހު ފުލުން ކަނޑާލާފައި ހިލަތައް ފަރުމައްޗަށް އަޅަނީ."
ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ފަރަށް އެރުމާ އެކު ސަޕްލައި ދޯނިތަކާއި ޓަގްތަކާއި ކޮޅުވެއްޓިއެއް ގެންގޮސްގެން ބޯޓުގައި ހުރި 5700 ޖަމްބޯ ބޭގްގެ ތެރެއިން ބައެއް ބޭގްތައް ހުސްކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޯޓު ފަރަށް އެރި ސަރަހައްދަކީ ބޮޑެތި ބާނިތައް އުފެދޭ ދިމާލަކަށް ވުމުން، އެ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏާ ހަވާލުކޮށްގެން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އާގު ބޯޓު މިހާރު އޮތީ ކުރިއަށް ވުރެ ބޮޑަށް ފަރަށް އަރައިފަ އެވެ. އަދި ބޯޓު ފޫގޮސް ކޮންމެވެސް ހިސާބަކުން ދިޔަވާން ފަށާފައިވާ ކަމަށް ވެސް ވެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބޯޓު ދިޔަވިޔަސް، ޕަމްޕްތައް ބޭނުންކޮށްގެން ދިޔަ ހިއްކޭތީ ކަންބޮޑުވާ ވަރުގެ ކަމެއް ނެތް ކަމަށެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށެވެ.