04 ޖޫން 2019 - 14:21

ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ގެއިން މަސްތުވާތަކެތި ފެނުނީ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ރޭ ދަންވަރު ތިނެއް ޖަހާކަން ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައާ ގުލިގެން އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރު ކުރިއިރު، ސަލާމަތީ ކަންކަން ވަރުގަދަކޮށްގެން ތިބެ، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ގެއެއް އިއްޔެ މާލެ އިން ހޯދައި 11 މީހަކު ހައްޔަރު ކުރި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ މ. އެވަރެސްޓްއާގެ އެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އެތައް ފަހަރަކު ފުލުހުން ރެއިޑް ކުރި ގެ އެކެވެ.