ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗެއާ އަކަށް ރާއްޖެ އިންތިޚާބު ވެއްޖެ
ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗެއާ އަކަށް ރާއްޖެ އިންތިޚާބު ވެއްޖެ

ޔޫއެން ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބު ކޮށްފި އެވެ.

އެ ގޮނޑި އަށް ރާއްޖެ އިންތިޚާބު ކުރީ ބޫޓާނުގައި އިއްޔެ ފެށި ދުނިޔޭގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާގެ 31 ވަނަ ބައްދަލުވުމުގަ އެވެ.

މިއީ، މި ގޮނޑި އަށް ރާއްޖެ އިންތިޚާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން، ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ ސަަރަހައްދުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބު ކޮށްފައި ވަނީ 1995 ވަނަ އަހަރު އެވެ.

މި ފަހަރު އެ ގޮނޑި އަށް ރާއްޖެ ހޮވިފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖެ އަކީ، 1981 ވަނަ އަހަރުން ފެށިގެން އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ މެމްބަރު ގައުމެކެވެ.

ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަނަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އދ. އިން އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ.