04 ޖޫން 2019 - 13:38

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގެ ޑިވައިޑަރުގައި ޖެހުމުން، މަޑުނުކޮށް ދިޔަ ޕްރައިވެޓް ކާރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގަރާޖެއްގެ ތެރޭގައި އެ ކާރު ބާއްވާފައި އޮއްވައި ފެނުނީ ހެނދުނު 11 ޖަހާކަން ހާއިރު ކަމަށެވެ. އަދި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ ކޮޅުން ހައިވޭގެ ދެ ފަޅި ވަކިކުރަން ވަކި ހިސާބެއްގައި ޖަހާފައިވާ ޑިވައިޑާތަކުގެ ގިނަ ބައިތައް މިއަދުގެ އެކްސިޑެންޓުގައި ވަނީ ފުނޑުފުނޑުވެފަ އެވެ. މިއަދު ހެނދުނު 10 ޖަހާކަން ހާއިރު ހިނގި އެކްސިޑެންޓުގައި، ހައިވޭ އިން ދަތުރު ކުރި އިތުރު ވެހިކަލަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
އަދި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އަށް ވެސް ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ. އެކަމަކު ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހަލާކުވެފައި ވަނީ ހުޅުމާލޭ ކޮޅުން ޑިވައިޑާ ފެށޭ ހިސާބެވެ. ބެލެވޭ ގޮތުގައި އެކްސިޑެންޓުވި ކާރު ދިޔައީ މާލެ އިން ހުޅުމާލެ އަށެވެ.
ހައިވޭގެ ޑިވައިޑާގައި ޖެހި އެންމެ ފަހުން އެކްސިޑެންޓެއް ހިނގާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ އެކްސިޑެންޓުގައި ވެސް ޑިވައިޑާތަކުން ބައެއް ފުނޑުފުނޑުވި އެވެ. މި އެކްސިޑެންޓުތަކަށް ފަހު ވެސް އާ ޑިވައިޑާތައް ހައިވޭގައި އަދިއެއް ނުބަހައްޓަ އެވެ.