06 ސެޕްޓެމްބަރ 2016 - 11:23

ލަންޑަން (ސެޕްޓެމްބަރު 6) - ޗެލްސީގެ ޑިފެންސް ވަރުގަދަ ކުރުމަށް އެ ޓީމުން ޔުވެންޓަސް އާއި ބާސެލޯނާ އަށް ކުރިން ކުޅުނު އުރުގުއޭގެ ޑިފެންޑަރު މާޓިން ސަސޭރެސް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅުމަށް ފަހު އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ސަސޭރެސް މި ވަގުތު ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓުގައެއް ނޫނެވެ. އުމުރުން 29 އަހަރުގެ ސަސޭރެސް ހޯދަން އިޓަލީގެ ތިން ކްލަބަކާއި ސްޕެއިނުގެ ތިން ކްލަބަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސަސޭރެސް އަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކުރިން ޔުވެންޓަސްގައި ހުރިއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ކުޅުންތެރިޔެކެވެ. ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ވަނީ ކުރިން އެ ޓީމަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒާއި ފިއޮރެންޓީނާގެ މާކޮސް އަލޮންސޯ އެ ޓީމަށް ގެނެސްފަ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ވެސް ކޮންޓޭ ވަނީ އިތުރު ޑިފެންޑަރަކު ގެންނަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން ކޮންޓޭގެ ވިސްނުން މި ވަގުތު ހުރީ ސަސޭރެސް ގެނައުމަށެވެ.
ސަސޭރެސް ވަނީ އުރުގުއޭ ގައުމީ ޓީމަށް 68 މެޗު ކުޅެފަ އެވެ. އޭނާ އަކީ 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރި އުރުގުއޭ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.