04 ޖޫން 2019 - 11:22

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުގައި ޖެހި، މިއަދު އެކްސިޑެންޓުވި ވެހިކަލް މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ އެކްސިޑެންޓުގެ މައުލޫމާތު ހެނދުނު 10:15 ގައި ފުލުހުންނަށް ލިބިފައިވާއިރު، މަޑުނުކޮށް ދިޔަ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހައިވޭގެ ދެ ފަޅި ވަކިކުރަން ވަކި ހިސާބެއްގައި ޖަހާފައިވާ ޑިވައިޑާތަކުގެ ގިނަ ބައިތައް މިއަދުގެ އެކްސިޑެންޓުގައި ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ހިނގި ތިން އެކްސިޑެންޓެއްގައި ވެސް ޑިވައިޑާގެ އެކި ބައިތައް ވަނީ ފުނޑުފުނޑުވެފަ އެވެ. މި އެކްސިޑެންޓުތަކަށް ފަހު އަދިވެސް ޑިވައިޑާތައް އާ ކުރެވޭ ވަރެއް ނުވެ އެވެ.
މިއަދުގެ އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހަލާކުވެފައި ވަނީ ހުޅުމާލޭ ކޮޅުން ޑިވައިޑާ ފެށޭ ހިސާބެވެ. ބެލެވޭ ގޮތުގައި އެކްސިޑެންޓުވި ވެހިކަލް ދިޔައީ މާލެ އިން ހުޅުމާލެ އަށެވެ.
ހައިވޭގެ ޑިވައިޑާގައި ޖެހި އެންމެ ފަހުން އެކްސިޑެންޓެއް ހިނގާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ އެކްސިޑެންޓުގައި ވެސް ޑިވައިޑާތަކުން ބައެއް ފުނޑުފުނޑުވި އެވެ.