04 ޖޫން 2019 - 10:33

އެއްވެސް ބެލުމެއް ނެތި ސިފައިން ބަޑި ޖަހައި އެތައް ހާސް ބަޔަކު މަރާ ވައްޓާލީ އޭގެ ކުރީ ދުވަހު އެވެ. އެކަމަކު ޕްލާސްޓިކް ދެ ކޮތަޅު ހިފައިގެން ހުރި އެންމެ މީހަކު މުޅި ދުނިޔެއަށް ދައްކައިދިނީ އަނިޔާވެރިކަމާ ދެކޮޅަށް އެކަނިމާއެކަނި ނަމަވެސް ހުރެވިދާނެ ކަމެވެ. މިއީ ޖޫން 5، 1989 ގައި، ޗައިނާގެ ޓިއަނަމަން ސްކެއާއިން ފެނުނު މަންޒަރު ދުނިޔޭގެ ތާރީޚުގައި ރައްކާކުރި ގޮތެވެ.

ޖޫން 3-4، 1989 ގައި ޓިއަނަމަން ސްކެއާ ލެއިން ފޯކޮށްލީ ޗައިނާގައި ޑިމޮކްރަސީއަށް ގޮވާލައި، ހިޔާނާތް ހުއްޓުވުމުގެ އަޑުތައް އުފުލަން އެއްވެ ތިބި އެތައް ހާސް ބައެއްގެ ސުލްހަވެރި ހަރަކާތް ނިމުމަކަށް ގެންނާށެވެ. އެ ހިސާބަށް ޗައިނާގެ ސިފައިން ދިޔައީ ގާތްގަނޑަކަށް 50 ދުވަސް ވަންދެން އެ މައިދާނަށް އެއްވެ އުފުލަމުން ދިޔަ އަޑު ފަނޑުނުކޮށްލެވިގެންނެވެ. މައިގަނޑު ގޮތެއްގައި އެ ހަރަކާތުގައި ބައިވެރިވީ ޔުނިވަސިޓީގެ ދަރިވަރުންނެވެ.
މިއަދާ ހަމައަށް ވެސް އެ ލޭއެހޮރުވުމުގައި މަރުވި މީހުންގެ ސީދާ އަދަދެއް ނޭނގެ އެވެ. ޗައިނާ ސަރުކާރަކީ އެކަހަލަ ހުރިހާ ކަމެއްގައި ދޮގު ހަދާ ބަޔަކަށް ވާތީ، ރަސްމީ ފަރާތްތަކުން ދޭ މައުލޫމާތު ދުނިޔެއިން ގަބޫލެއްނުކުރެ އެވެ. އަނެއްކާ މީޑިއާގެ މިނިވަންކަން ނެތް ގައުމެއް ކަމުން ޗައިނާގެ އެތެރެއިން އެކަމާ ބެހޭ ސައްހަ އަދަދުތައް ހާމަކުރެވޭނެ ގޮތެއް ވެސް ނޯވެ އެވެ. އެހެންކަމުން އެ ލޭއޮހޮރުވުމަށް އިއްޔެއަށް 30 އަހަރު ފުރުނު އިރު ވެސް ދައްކަން ޖެހެނީ ލަފާކުރެވޭ އަދަދުތަކެއްގެ ވާހަކަ އެވެ.
ޗައިނާ އިން ބޭރު ގައުމެއްގައި ތިބެ، ޓިއަނަމަން ސްކެއާ ޖަހައިގެން ސާޗުކޮށްލައިފި ނަމަ ޓޭންކްތަކުގެ ކުރިމަތީގައި ހުއްޓި ހުރި މީހާގެ ފޮޓޯ ފެންނާނެ އެވެ. އެކަމަކު ޗައިނާގައި އިންޓަނެޓް ބޭނުންކުރާ މީހުންނަށް ޓިއަނަމަން ސްކެއާ ޖަހައިގެން ފެންނާނީ އެތަނުގެ ރީތި މަންޒަރުތަކެވެ. މީގެ އަހަރުތަކެއް ކުރިން، ހައްގުތައް ހޯދަން އެތައް ހާސް ބަޔަކު އުފުލި އަޑު ކަނޑުވާލަން، ސިފައިން ހިންގި އަނިޔާވެރި އަމަލްތަކުގެ އެއްވެސް މައުލޫމާތެއް، ޗައިނާގެ އެތެރެއިން އިންޓަނެޓް މެދުވެރިކޮށް ހޯދޭނެ ގޮތެއް ނެތެވެ.
އެ ހަރަކާތުގެ ވާހަކަ ޗައިނާގައި ދައްކައެއް ނޫޅެ އެވެ. އެއީ އަތްނުލެވޭ މައުލޫއެކެވެ.
އެކަމަކު ދުނިޔޭގެ ތާރީޚުން އެ ދުވަހުގެ ހަނދާންތައް ފޮހެލެވޭކަށް ނެތެވެ. އެއީ ސުލްހަވެރިކަމާ އެކު އެއްވެ ތިބި ރައްޔިތުންތަކަކާ ދެކޮޅަށް ގައުމެއްގެ ސިފައިން މި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ބޮޑު އަނިޔާވެރިކަމެވެ.
ޓިއަނަމަން ސްކެއާ ސާފުކޮށް، ޓޭންކްތައް ސަފަކަށް އޮވެގެން ދުއްވަން ފެށުމުން އެ މީހާ ގޮސް ފުރަތަމަ ޓޭންކްގެ ކުރިމައްޗަށް އެރި އެވެ. އޭނާގެ ކައިރިން ނެއްޓެން އެކި ފަރާތަށް ޖެހުމުން، އޭނާ ވެސް އެ ފަރާތަކަށް ޖެހެ އެވެ. އޭނާ ގޮސް ޓޭންކް މައްޗަށް ވެސް އަރަ އެވެ.
އެކަމަކު އޭގެ ކުރީ ދެ ދުވަހު ހިންގި އަނިޔާވެރިކަމާ އެއްފަދައަކުން އޭނާގެ ގަޔަކަށް ބަޑިއެއް ނުޖަހަ އެވެ. ނުވަތަ އޭނާގެ ގައި މަތިން ޓޭންކް ދުއްވާފައެއް ވެސް ނުދެ އެވެ.
ސިފައިން އޭނާ ދުރަށް ގެންދިޔައީ އެވެ. އެކަމަކު މިހާތަނަށް ވެސް އޭނާއަށް ވީ ގޮތެއް ނޭނގެ އެވެ.
"ޓޭންކް މޭން"ގެ ގޮތުގައި މަޝްހޫރުވި ފޮޓޯ އަނެއްކާވެސް މިއަދު ދުނިޔޭގެ މީޑިއާތަކުން އެދަނީ ބޭނުންކުރަމުންނެވެ. ޗައިނާ ސަރުކާރުން ބުނަނީ އެދުވަހު ކަންތައް ކުރީ ރަނގަޅަށް ކަމަށެވެ. އެއީ ސިޔާސީ ހަމަނުޖެހުމެއް ކަމަށާއި ސިފައިން ނުކުތީ އެ ހަމަނުޖެހުން ހުއްޓުވަން ކަމަށް ވެސް، ޓިއަނަމަން ސްކެއާގެ ލޭއެހޮވުމާ ބެހޭ ގޮތުން ވަރަށް މަދުން ނޫނީ އެއްޗެކޭ ނުބުނާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވެއި ފެންގޭ މީގެ ދެ ދުވަސް ކުރިން ސިންގަޕޫރުގައި ވިދާޅުވި އެވެ.
މިދިއަ 30 އަހަރުގެ ތެރޭގައި ޗައިނާ ވަނީ އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެކަމަކު ޗައިނާގެ މޫނުމަތީ ލާފައިވާ ލައްގަނޑު ފިލުވައެއް ނުލެވެ އެވެ.
އެދުވަހު އެތައް ހާސް ރައްޔިތުންނެއް އަޑުއުފުލީ ވެސް ޗައިނާއަށްޓަކަ އެވެ. ސަރުކާރުން ގޮތްދޫކުރަން ބާރުއެޅުމުގެ ގޮތުން އެތައް ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ޓިއަނަމަން ސްކެއާގައި ކުރިޔަށް ގެންދިޔަ އެވެ. ޗައިނާގެ ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ބޮޑެތި އެއްވުންތައް ބޭއްވި އެވެ. އެކަމަކު އެ ހުރިހާ ހަރަކާތެއް ވެސް ނިމުމަކަށް ގެނައީ ލޭއޮހޮރުވުންތަކަށް ފަހު އެވެ.