04 ޖޫން 2019 - 10:55

"އޭނާ މި އަހަރު ނުފެންނާނެ. އޭނަގެ ވިސްނުން ބޮޑަށް ހުރީ ފުޓްސަލް އަށް،"

މިއީ މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގާތުގައި އެ އަހަރު ޓީސީ އަށް މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)އާ ބެހޭގޮތުން ސުވާލުކުރުމުން ދިން ޖަވާބެވެ. އެ އަހަރު ފުޓްސަލް އަށް ހުސްވެ، އޭގެ އިން ކުރިއަށްދާން ހާއްޕެ ނިންމީ ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރުމަށް ފަހު އެވެ.

"އަސްލު އޭރު ކަންތައްތައް ހުރި ގޮތުން ބޭނުންވީ ފުޓްސަލް އަށް އެކީ ހުސްވާން. އެންމެ ކުރިން ވެސް ކުޅެ އުޅުނީ ފުޓްސަލް. ދެން ބޭނުންވީ އެއްކޮށް ފުޓްސަލް އަށް ދާން. އެހެންވެ އެ ގޮތަށް ނިންމީ،" ރ.އިނގުރައިދޫ އަށް އުފަން ހާއްޕެ "މިހާރަ"ށް ކިޔައިދިނެވެ.

އެންމެ ކުރިންސުރެ ވެސް ފުޓްސަލް އަށް ހާއްސަ ލޯތްބެއް އޮތް ހާއްޕެގެ ފެށުމަކީ 2014 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ. ހާއްޕެ ވަނީ ހަމަ އެ އަހަރު ފުޓްސަލްގައި މަގުބޫލު މުބާރާތެއް ކަމަށްވާ އައިލެންޑާސް ކަޕްގައި އުފަން ރަށުގެ ޓީމަށް ކުޅެފަ އެވެ. އެ އަހަރު ކުޅުމަށް ފަހު ހާއްޕެ އެނބުރި ރަށަށް ދިޔަ އެވެ. އެކަމަކު އޭނާގެ ބޭބެ، ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅުނު އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ހޯދައިދިން ފުރުސަތެއްގައި އައިސް އެ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީސީގެ ޓްރަޔަލްގައި ބައިވެރިވި އެވެ.

"ޓީސީ ޓްރަޔަލް އަށް އައި ފުރަތަމަ ދުވަހު ވެސް އެ މީހުންނަށް ކަމުގޮސްފި. ދެން އެ ޓީމަށް ޖޮއިން ކުރީ. އެ އަހަރު މާ ބޮޑަށް ފުރުސަތެއް ނުލިބޭ އެކަމަކު ޖެހިގެން އައި އަހަރު ގިނަ މެޗުތަކެއްްގައި ކުޅުނިން،" ޓީސީގެ ފުރަތަމަ ދުވަސްތަކާ ބެހޭގޮތުން ހާއްޕެ ބުންޏެވެ.
ޒުވާން އުމުރުގައި ވެސް ލިބޭ ކޮންމެ ފުރުސަތެއްގައި ތަފާތު ދައްކަމުން އައި ހާއްޕެ، ޓީސީ އަށް ކުޅެމުންދިޔައިރު ވެސް އައީ ރާއްޖޭގެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ކުޅެމުންނެވެ. ދުވަހެއް ދުވަހަކަށް ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް ކުރިއެރުން ހޯދަމުންނެވެ. ޓީސީގައި 2016 ވަނަ އަހަރު ހާއްޕެ އަށް ކުޅެލަން ލިބޭ ފުރުސަތުތައް އިތުރުވިއިރު، އެ އަހަރު މުހިއްމު ވަގުތުގައި އަރައި ތަފާތު ދެއްކި އެވެ. އެ ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ޓީސީ ދަތުރުކުރިއިރު، އެ މުބާރާތުގައި ވެސް ކުޅުނެވެ.
"ފުޓްސަލް އަށް ހުސްވަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު އެއް ނިންމުން،" 2017 ވަނަ އަހަރު ފުޓްސަލަށް އެއްކޮށް ބަދަލުވުމަށް ނިންމި ނިންމުމާ ބެހޭގޮތުން ހާއްޕެ ބުންޏެވެ.
ފުޓްސަލް އަށް އެއްކޮށް ހުސްވެ، ހާއްޕެ ދިޔައީ ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަމުންނެވެ. އޭނާގެ މަގުބޫލުކަން ބޮޑުވީ އެ ހިސާބުން ފެށިގެންނެވެ. ކޮންމެ ރަށެއްގައި ކޮންމެ ފަންތިއެއްގެ މުބާރާތެއް އޮތް ނަމަވެސް އޭނާ ދިޔައީ ކުޅޭ ޓީމެއްގައި ތަފާތު ދައްކަމުންނެވެ. އެ އަހަރު އޭނާ އަށް ލިބުނު އެންމެ ބޮޑު ޔަގީންކަމަކީ ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރެވުމެވެ.
"ހަނދާންވާ ގޮތުގައި ވިއްޔާ އެ އަހަރު 12 ވަރަކަށް މުބާރާތް ކާމިޔާބު ކުރެވުނު. އެ ހިސާބުން އެނގުނު ފެށުން ވެސް ރަނގަޅުކަން. އިތުބާރު ބޮޑުވި އިތުރަށް ކުރިއަށްދާން،" ހާއްޕެ ބުންޏެވެ.
ރާއްޖޭގެ ފުޓްސަލް ކުޅޭ ކޮންމެ ކުޅުންތެރިއެއްގެ ވެސް އެންމެ ބޮޑު ޓާގެޓަކަށް ވެފައި އޮންނަނީ ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އެވެ. ފުޓްސަލްގައި އެންމެ ގިނަ ދުވަސްވީ އެންމެ ފެންވަރު ރަނގަޅު މުބާރާތް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ކްލަބް މޯލްޑިވްސް ކަޕްގެ ރަން މެޑަލް ކަރުގައި އަޅާލުމަކީ ހާއްޕެގެ ވެސް އެންމެ ބޮޑު އުއްމީދެވެ. ފުޓްސަލްގެ މުބާރާތްތަކުގައި ގަވާއިދުން ކުޅެން ފެށީއްސުރެން އޭނާގެ އެ އަޒުމު އޮތެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި ހާއްޕެ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު މުބާރާތުގެ ފައިނަލަށް 2017 ވަނަ އަހަރު ދަތުރުކުރި ނަމަވެސް ފައިނަލުގައި ބަލިވީ އެމްއާރްޑީސީ އަތުންނެވެ. ޖެހިގެން އައި އަހަރު ހާއްޕެ ފެނުނީ ކްލަބް ވެމްކޯ އިންނެވެ. އެ ޓީމާ އެކު ހާއްޕެ އަށް މާ އެދެވޭ ހިސާބަކަށް ނުދެވުނެވެ. ދެ ވަނަ ބުރުން ޖެހުނީ މުބާރާތުން ވަކިވާށެވެ.
ހާއްޕެ މި އަހަރު ފެނުނީ މުބާރާތުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއޭއެމްއެލް) އިންނެވެ. މިދިޔަ އަހަރުތަކުގައި ފުޓްސަލްގައި ލިބުނު ތަޖުރިބާތަކާ އެކު ހާއްޕެ އަޒުމު ކަނޑައަޅައިގެން ހުރީ އެ މުބާރާތް ކާމިޔާބު ކުރުމަށެވެ. އެކަން އޭނާ ކުރީ ވަރަށް ފުރިހަމަކޮށެވެ. އެ މުބާރާތުގައި ހާއްޕެ 13 ގޯލު ޖެހިއިރު 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އަދި މުބާރާތް ނިންމާލީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ފުޓްސަލް ކިންގް އޮފް މޯލްޑިވްސް" ގެ ޝަރަފާ އެކު އެވެ.
"އެއްވެސް އިރެއްގައި އުއްމީދު ކުރި ކަމެއް ނޫން ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އަށް ވުމަކީ. އެކަމަކު މަސައްކަތްކުރަނީ އަބަދުވެސް ކުޅޭ މުބާރާތެއް ކާމިޔާބުކުރަން. ފުޓްސަލް ކިންގްގެ މަގާމަކީ އުއްމީދުކުރި މަގާމެއް ނޫން. އެންމެ ބޭނުންވީ ކްލަބް މޯލްޑިވްސް ތަށި،" ހާއްޕެ ބުންޏެވެ.
ފުޓްސަލް ކުޅުންތެރިންނަަކީ ނިސްބަތުން ބަލާއިރު ރާއްޖޭގެ އެންމެ އުނދަގޫ ޝެޑިއުލެއްގައި ކުޅިވަރު ކުޅޭނެ އެއް ކުޅުންތެރިންނެވެ. އަހަރެއްގެ މައްޗަށް ގިނަ މުބާރާތްތަކެއް އެ ކުޅުންތެރިން ކުޅެ އެވެ. ހާއްޕެ ބުނީ އަހަރެއްގެ މައްޗަށް މިހާރު އޭނާ ކުޅޭ މުބާރާތުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި މިދިޔަ ދެ އަހަރަށް ބަލާއިރު އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި އެއް ކުޅުންތެރިޔަކީ ހާއްޕެ އެވެ.
ފުޓްސަލް އަށް ހުސްވި ނަމަވެސް ލިބޭ ފުރުސަތުތަކުގައި އަދިވެސް ހާއްޕެ އަންނަނީ ފުޓްބޯޅަ ކުޅެމުންނެވެ. އެ ގޮތުން 2017 ވަަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޑަހެންވޭރު ޔުނައިޓެޑަށް ކުޅުނުއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އަދި މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ބ. ފެހެންދޫ ޓީމަށް ވެސް ކުޅުނެވެ.
ތުރުކުމެނިސްތާނުގައި 2017 ވަނަ އަހަރު އޮތް އޭޝިއަން އިންޑޯ ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ވާދަކުރި އެވެ. މިއީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ ފުޓްސަލް ޓީމެއް ކުޅުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މި ވަގުތު އެންމެ ބޮޑު ފޯރިއެއް އޮތް އެއް ކުޅިވަރަކީ ފުޓްސަލް އެވެ. ފުޓްސަލް މުބާރާތްތަކަށް އޮންނަ ތަރުހީބު އިތުރުވަމުންދާއިރު، އަހަރެއްގެ މައްޗަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވޭ ފުޓްސަލް މުބާރާތްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެކަމަކު ހިތާމަ އަކީ އެތަކެއް ހުނަރުވެރި ފުޓްސަލް ކުޅުންތެރިންނެއް ރާއްޖޭގައި ތިބިއިރު، ބައިނަލްއަގްވާމީ ލެވެލްގައި މި ކުޅުންތެރިންނަށް ލިބޭ ފުރުސަތު މަދުވުމެވެ.
ކްލަބް މޯލްޑިވްސްގެ އޮފިޝަލަކު "މިހާރަ"ށް މީގެ ކުރިން ބުނީ ރާއްޖޭގައި ފުޓްސަލް މި ކުޅޭ ދަނޑުތަކާއި ބޭރުގެ ދަނޑުތައް ވަރަށް ތަފާތު ކަމަށާއި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް ދަނޑުތަކެއްގައި ކުޅެ، ތަމްރީން ވެއްޖެނަމަ ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
އެފްއޭއެމުގެ އަސާސީ ގަވާއިދު އިސްލާހުކުރިިއިރު އެކި އެސޯސިއޭޝަންތައް ހިންގަން ވަނީ އަންގައިފަ އެވެ. އެގޮތުން ފުޓްސަލް ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަކި އެސޯސިއޭޝަނެއް އޭގެ ތެރޭގައި ހިމެނުމަށް އެންގި އެވެ. އެކަމަކު އެހާ ބޮޑަށް އެފްއޭއެމް އިސްވެ އޮވެ ފުޓްސަލްގެ ހަރަކާތްތަކެއް ނުފެނެ އެވެ. ފުރަތަމަ ފަހަރަށް 2017 ވަނަ އަހަރު މުބާރާތެއް ބޭއްވިއިރު، ނިމިދިޔަ ފުޓްސަލް މުބާރާތް ވެސް އިއުލާނުކުރީ ކުއްލިއަކަށެވެ.
ހާއްޕެ ބުނީ ފެންވަރު ރަނގަޅު ފުޓްސަލް ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިބި ކަމަށާއި މި ކުޅުންތެރިންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ބޭނުންވާ ކަމަށެވެ.
"ފުޓްސަލްގައި ރާއްޖެ އަށް ވެސް ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުޅުންތެރިން އެބަތިބި. މި ކުޅުންތެރިންނަށް ފުރުސަތު ބޭނުންވަނީ. ރާއްޖެ އަށް ރީތި ނަން ހޯދައިދޭނެކަމުގެ އުއްމީދު އެބައޮތް،" ހާއްޕެ ބުންޏެވެ.