ކްލައިމެޓް ކޮންފަރެންސަށް ޝާހިދު ޖަރުމަނަށް ފުރާވަޑައިގެންފި
ކްލައިމެޓް ކޮންފަރެންސަށް ޝާހިދު ޖަރުމަނަށް ފުރާވަޑައިގެންފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާ ތަކާ ބެހޭ ގޮތުން ޖަރުމަނުގެ ވެރިރަށް ބާލިންގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ ނަމުގައި މާދަމާ ފަށާ ކޮންފަރެންސްގައި ގައުމުތަކުގެ ސަރުކާރުން ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އަމިއްލަ ކުންފުނިތަކާއި އިލްމީ ބޭފުޅުން ބައިވެރިވާނެ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަލާމަތަށާއި ރައްކާތެރިކަމަށް އޮތް ނުރައްކާތަކާ ބެހޭ ގޮތުން އެ ކޮންފަރެންސްގައި ބަހުސް ކުރާނީ ނުރައްކަލެއް މެދުވެރި ވުމުގެ ކުރިން އަޅާނެ ފިޔަވަޅުތަކެއް ދެނެގަތުމަށެވެ.

ބާލިންގައި ބުދަދުވަހު ފަސް ވަނަ ޖާމަން އޭޝިއަން ބިޒްނަސް ޑަޔަލޮގްގައި ވެސް ޝާހިދު ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި ޖަރުމަނު ސަރުކާރުގެ އިސް ބޭފުޅުންނާ އޭނާ ބައްދަލުކުރައްވަން ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަރުމަނަށް ޝާހިދު މިއަދު ފުރާވަޑައިގެންނެވި އިރު މައްކާގައި ބޭއްވި އޯއައިސީގެ ސަމިޓަށް ފަހު އޭނާ އެނބުރި ރާއްޖެ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ.