ސުޕްރީމް ކޯޓުގެ ބަޔާނުގައި އޮތީ ކަން ހިނގައިދިޔަ ގޮތަށް: ޑީޖޭއޭ
ސުޕްރީމް ކޯޓުގެ ބަޔާނުގައި އޮތީ ކަން ހިނގައިދިޔަ ގޮތަށް: ޑީޖޭއޭ

ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޔޮހާން ކްރީގްލާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި އޮތީ އެ ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތަށް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ޔޮހާން ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ފަނޑިޔާރުން ކުރާނެ ކަމަށް ވިދާޅުވެ، ފަނޑިޔާރުންނަށް އިންޒާރު ދެއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ކްރިގްލާ ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުންގެ އިތުރުން ކޯޓުގެެ އެހެން ބައެއް އިސް މުވައްޒަފުން ވެސް ބައިވެރިވެ ވަޑައިގަތް ކަމަށާއި އެ ބައްދަލުވުމާ ގުޅިގެން ނެރުނު ބަޔާނުގައި އޮތީ ކަން ހިނގި ގޮތަށް ތެދަށް ކަމަށެވެ. އަދި އެ ބަޔާނުގައި، ކްރީގްލާ ދެއްކެވި ވާހަކަތައް ހުރީ އޭނާ އާއި ކަމާބެހޭ އެހެން ފަރާތްތަކުގެ އަގު ނުވެއްޓޭ ގޮތަށް އަދި އޭނާ ދެއްކެވި ވާހަކަތަކުގެ މާނަ ނޯޅޭނެ ގޮތަށް ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

"ބަންޑާރަ ނައިބަށް ވެސް އެކަން އެގޮތަށް ނުހިނގާ ކަމަކަށް ވިދާޅެއް ނުވޭ." މާޖިދު ވިދާޅުވި އެވެ.

މާޖިދު ވިދާޅުވީ ކްރީގްލާއާ އެކު ވަކިން ބައްދަލު ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެދިވަޑައިގަތް ކަމަށް ބަންޑާރަ ނައިބު މީޑިއާގައި ވިދާޅުވެފައިވާ ކަމަށާއި އެކަމަކު އެއީ ހަގީގަތާ ޚިލާފް މައުލޫމާތެއް ކަމަށެވެ. އެ ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅަކު ވެސް ބައިވެރިވެ ވަޑައިގަތުމަށް އޮތީ ހަމަޖެހިފައި ކަމަށާއި އެކަމަކު ބައްދަލުވުމަށް ވަޑައިގަތީ ކްރީގްލާ އެކަނި ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

މާޖިދު ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައި ހުރި މުއައްސަސާތަކުން އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި އެހެން މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަމަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ވެސް ޝަރުއީ ދާއިރާގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންފަރެންސެއް ބާއްވައި، އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މާޖިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާކުރަން އިއްޔެގެ ޚަބަރުތަކުގައި އެބައޮތް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ޝަރުއީ ދާއިރާ އިސްލާހު ކުރަން އެއްބާރުލުން ދެއްވާނެ ކަމަށް. އަޅުގަނޑުމެން މިތިބީ އެމަނިކުފާނު ދެއްވާ އެއްބާރުލުމާ އެކު އަޅުގަނޑުމެން ވެސް ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް." މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ ތެރެއިން އިސްލާހު ކުރަން ޖެހެނީ ހަމައެކަނި ޝަރުއީ ދާއިރާ ނޫން ކަމަށާއި ބޭރުގެ އެކި ފަރާތްތަކުން ނެރުނު ރިޕޯޓްތަކުން ވެސް އެކަންކަން އެނގެން އެބައޮތް ކަމަށެވެ. އެގޮތުން ދައުލަތުގެ އަނެއް ދެ ބާރުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި ފަނޑިޔާރުންނަށް ބިރު ދެއްކުމާއި ވަސީލަތްތައް ނުލިބުން ފަދަ ކަންކަން ބޭރުގެ ތަޖްރިބާކާރުން ފާހަގަ ކޮށްފައިވާ ކަން މާޖިދު ފާހަގަ ކުރެއްވި އެވެ. އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހޭނީ އެކަންކަން ރަނގަޅު ކުރަން ކަމަށް މާޖިދު ވިދާޅުވި އެވެ.

"އިހްލާސްތެރިކަމާ އެކު ކުރަންޖެހޭ މަސައްކަތަކީ އެންމެން ގުޅިގެން އެ ހުރިހާ މައްސަލަތަކެއް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން. ރައްޔިތުން ވެސް އެދޭ ގޮތަކީ އެއީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެއީ ދިވެހި ރައްޔިތުން އެދޭނީ ދިވެހި ދައުލަތުގެ އެއް ބާރު އިސްލާހުވާކަށް ނޫން ކަން ނޭނގެ. ނުވަތަ އެންމެ އިދާރާއެއް އިސްލާހުވާކަށް ނޫން. ރައްޔިތުން އެދޭނީ ދައުލަތުގެ މުޅި ނިޒާމު ރަނގަޅުވާން." މާޖިދު ވިދާޅުވި އެވެ.

މާޖިދު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެކްޝަން ޕްލޭންގެ ދަށުން މިވަގުތު ރަނގަޅު ކުރެވެން ހުރި ކަންކަމާއި މެދު ރާސްތާގައި ރަނގަޅު ކުރެވޭނެ ކަންކަމާއި ދިގު މުއްދަތުން ހާސިލް ކުރެވޭނެ ކަންކަން ފާހަގަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.