ހައްގު ނޫން ފައިސާއެއް އެކައުންޓްގައި ނުހުންނާނެ: ފަނޑިޔާރު އަބްދުﷲ ދީދީ
ހައްގު ނޫން ފައިސާއެއް އެކައުންޓްގައި ނުހުންނާނެ: ފަނޑިޔާރު އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ 1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިި، ހައްގު ނޫން ފައިސާއެއް އެކައުންޓްގައި ނުހުންނާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރު ރައީސް މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގައި ކުރީގެ ރައީސް ކުރައްވާފައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި އޮތް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމުގެ ތުހުމަތު ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އާއި އޭނާގެ އާއިލާގެ ނަމަށް ހުތުރުވާ ގޮތަށް ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ޖިނާއީ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވޭނީ ތޯތޯ ވާހަކަތަކަށް ބިނާކުރުމުގެ ބަދަލުގައި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްގެން ކަމަށް އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތުތަކަކީ ބޭންކްތަކުން ބަލަހައްޓާ ކަންކަން ކަމަށް ވާއިރު، ކަމާ ބެހޭ އިދާރާތަކުން ބޭނުންވާ ނަމަ އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

"ފަތުރަމުންދާ ހަގީގަތާ ޚިލާފް ވާހަކަތައް ދޮގުކޮށް، ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ ގުޅުން ހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެމެވެ،" ފަނޑިޔާރު އަބްދުﷲ ދީދީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ތުހުމަތެއް ކުރެވޭ ނަމަ އެއަށް ޖަވާބުދާރީވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ގާނޫނީ ގޮތުން ލިބިގެންވާ ކަމަށެވެ. އެކަމަކު އޭނާއާ ބެހޭ ގޮތުން ހަގީގަތާ ޚިލާފަށް ވާހަކަތައް ފަތުރަނީ އެފަދަ އެއްވެސް ފުރުސަތެއް ދިނުމެއް ނެތި، ނަން ކިލަނބު ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެއީ އިންސާނީ ހައްގުތަކުގެ އުސޫލުތަކާ ނުބައްދަލު، ހުތުރުކަން ބޮޑު އަމަލެއް ކަމަށް ސިފަކުރެއްވި އެވެ.

ކުރިން ޖޭއެސްސީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރައްވައިފަ އެވެ.