"ގްލޯބަލް ވެލްނެސް ޑޭ"އާ ގުޅިގެން ޝަންގްރިއްލާގައި ޗެރިޓީ ދުވުމެއް ބާއްވަނީ
"ގްލޯބަލް ވެލްނެސް ޑޭ"އާ ގުޅިގެން ޝަންގްރިއްލާގައި ޗެރިޓީ ދުވުމެއް ބާއްވަނީ

"ގްލޯބަލް ވެލްނެސް ޑޭ"އާ ގުޅުވައިގެން ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އިން ހާއްސަ ޗެރިޓީ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ދުވުންތެރިންގެ ޖަމިއްޔާއެއް ކަމަށްވާ "އައި ރަނާސް" އާ ގުޅިގެން އެ ރިސޯޓުން ކުރިއަށްގެންދާ މި ދުވުމުގެ ހަރަކާތް އޮންނާނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މި ހަރަކާތް ކުރިއަށްދާނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ޖޮގިން ޓްރެކުގަ އެވެ.

ދުވުމުގެ ތެރޭގައި އެ ރިސޯޓުގެ ހިތްގައިމު އެތައް މަންޒިލްތަކެއް ފެނިގެންދާނެ އެވެ. އެގޮތުން ރިސޯޓުގެ އެންމެ އުސް ސަރަހައްދު ބަލާލުމާއި، ވެލާ ބިސް އަޅާ ގޮނޑުދޮށް ބަލާލުމާއި، ޒަމާންވީ އާސާރީ ތަންތަން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ދުވުމުގެ އިތުރުން އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި މުޅި ދުވަހު ލިބެން ހުންނާނީ ސިއްހަތަށް ފައިދާ ހުރި ކެއުން ކަމުގައި އެ ރިސޯޓުން ބުނެ އެވެ. މީގެ އިތުރުން ހަށިގަނޑަށް ފައިދާ ހުރި ތެރަޕީއެއް ކަމަށްވާ ރެފްލެކްސޮލޮޖީ ސެޝަންތައް ކުރިއަށްދާނެ އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ކުރިއަށްދާ މި ހަރަކާތްތައް ނިންމާލާނީ އެ ރިސޯޓުގެ އެންމެ އުސް ސަރަހައްދު ކަމަށްވާ މައުންޓް ވިލިނގިލީގައި ބާއްވާ ހާއްސަ ޔޯގާ ސެޝަނަކުުންނެވެ.