04 ޖޫން 2019 - 10:40

ލަންޑަން (ޖޫން 4) - ފީފާ އިން 24 ޓީމާ އެކު ކްލަބް ވޯލްޑް ކަޕުގެ އާ މުބާރާތް 2021 ވަނަ އަހަރު ބާއްވަން ތާވަލުކުރި ނަމަވެސް މިހާރު އޮންނަ ފޯމެޓަށް މި އަހަރާއި އަންނަ އަހަރު ވެސް އެ މުބާރާތް ކުރިއަށްގެންދަން ނިންމައިފި އެވެ.

މިހާރު އާދައިގެ ގޮތަކަށް، ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. ބަދަލުތަކާ އެކު މި މުބާރާތް ބާއްވާނީ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގަ އެވެ. މި އަހަރު މާޗް މަހު އެ ގޮތަށް ބަދަލުކުރުމުން ބެލެވުނީ 2021 ވަނަ އަހަރުގެ ކުރިން ދެން ކްލަބް ވޯލްޑް ކަޕެއް ނޯންނާނެ ކަމަށެވެ.
އެކަމަކު ފީފާ ކައުންސިލުން ނިންމާފައިވަނީ ކުރިއެކޭ އެއްގޮތަށް މި އަހަރާއި އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވާށެވެ. އަދި މުބާރާތް ކުރިއަށްދާނީ ގަތަރުގަ އެވެ. މިއީ މި ފަހަރު ޓޮޓެންހަމް ބަލިކޮށް ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ޓީމަށް މި މުބާރާތް އަދި ކާމިޔާބު ކުރެވިފައިނުވާއިރު، 2005 ވަނަ އަހަރުގެ ފައިނަލުން ވަނީ ސައޮ ޕައޮލޯ އަތުން ބަލިވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ކްލަބް ވޯލްޑް ކަޕް ކުރިއަށް އޮތް ދެ އަހަރު ވެސް ބާއްވާގޮތަށް ހަމަޖެއްސީ މި މުބާރާތަށް ހުސްކަމެއް ނުގެނައުމުގެ ގޮތުންނެވެ. ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިންނެވެ. އެއީ އާ ކްލަބް ވޯލްޑް ކަޕް ކުރިއަށްދާ ދުވަސްވަރާ މެދު އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުންނާއި ކްލަބް ވޯލްޑް ކަޕަށް ޔޫރަޕުން ޓީމުތައް ކަނޑައެޅުމުގައި ފީފާ އިން އަމަލުކުރާނެ ގޮތެއް އިއުލާނުކޮށްފައިނުވާތީ އެވެ.
އީސީއޭގެ އޮފިޝަލަކު ސްޕެއިނުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަދިވެސް އެ އެސޯސިއޭޝަނުގެ ނިންމުން އޮތީ ކުރިން އޮތްގޮތަށް ކަމަށާއި ކްލަބް ވޯލްޑް ކަޕަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެ އީސީއޭގައި ހިމެނޭ ގިނަ ކްލަބްތަކުން ޕެޓިޝަނެއް ތައްޔާރުކުރަން ނިންމާފައިވާ ކަމަށެވެ. ޔޫރަޕްގެ 232 ކްލަބް ތަމްސީލުކުރާ އީސީއޭ އިން މީގެ ކުރިން ވެސް ވަނީ 15 ކްލަބެއްގެ ސޮޔާ އެކު ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓާ ދެކޮޅަށް ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި މިހާރު ރޭވިފައި އޮތްގޮތަށް މުބާރާތް ގެންދާނަމަ ޔޫރަޕުން މުބާރާތް ބޮއިކޮޓްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ ތިން އަހަރު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލީ ޗެމްޕިއަންސް ލީގުގެ ވެސް ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުންނެވެ. މިހާރު އޮންނަ ގޮތުން ޔޫރަޕްގެ ޗެމްޕިއަނުންނަށް ދެ މެޗެއް ކުޅެލައިގެން ކްލަބް ވޯލްޑް ކަޕްގެ ތަށި ހޯދެ އެވެ. އެ ފޯމެޓް ބަދަލުކުރަން ޖެހޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ.
ބަދަލުތަކާ އެކު އާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް އޮންނާނީ 2021 ވަނަ އަހަރު ޖޫން މަހުގަ އެވެ. އެ މުބާރާތުގައި ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ޔޫރަޕްގެ އަށް ޓީމު ކުޅޭނެ އެވެ. ދެކުނު އެމެރިކާ އަށް ވަނީ ހަ ޖާގަ ދީފައިވާއިރު، އުތުރު އެމެރިކާ، އޭޝިއާ، އެފްރިކާ އަދި ސެންޓްރަލް/ އުތުރު އެމެރިކާ އިން ކޮންމެ ބައްރަކުން ތިން ޓީމުގެ އިތުރުން އޯޝެނިއާ އިން އެއް ޓީމު ކުޅޭނެ އެވެ.
ދި ޓައިމްސްގައިވާ ރިޕޯޓެއްގައިވާ ގޮތުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލަކީ ފީފާ އިން މިހާރު ވެސް މި މުބާރާތުގައި ކުޅެން ދައުވަތުދޭން ނިންމާފައިވާ ޔޫރަޕްގެ އަށް ޓީމުގެ ތެރެއިން އެއް ކްލަބެވެ. ދެން ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އޭސީ މިލާން، އަޔަކްސް، އިންޓަ މިލާން، ބަޔާން މިއުނިކް އަދި ބާސެލޯނާ އެވެ.
ރިޕޯޓްތައް ބުނާގޮތުން އާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކޮންމެ ޓީމަކަށް ތައްޔާރުވުމުގެ ގޮތުން 50 މިލިއަން ޕައުންޑް (63 މިލިއަން ޑޮލަރު) ދޭން ވަނީ ނިންމައިފަ އެވެ. އަދި މުބާރާތުގައި ކުރިއަށްދާ ގޮތަށް ބަލާފައި ފައިސާގެ އިނާމް އިތުރުވާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު ލިބޭ އާމްދަނީ 100 މިލިއަން ޕައުންޑް (126 މިލިއަން ޑޮލަރު) އަށް ވުރެން އިތުރުވާނެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.