04 ޖޫން 2019 - 06:42

ފޮޓޯ އަކީ މިހާރު އެންމެ އާންމު އެކައްޗަށް ވެފައި ވާއިރު ވެސް ވީހާ ވެސް އަސްލާ އެއްގޮތްކޮށް ނުވަތަ ނެޗުރަލްކޮށް ފޮޓޯ އަށް ހުއްޓެން ނޭނގޭ މީހުން އުޅެ އެވެ. ހަމަޖެހިލައިގެން ހުންނަން ނޭނގުމާއި ގަދަކަމުން ހިނިތުންވެފައި ހުރުމުން ފޮޓޯ އިން ދެކެން ބޭނުންވާ ރީތިކަމެއް ނުހުންނާނެ އެވެ. ނުވަތަ ހުއްޓި ހުންނާނެ ގޮތެއް ނޭނގިގެން ފޮޓޯ އެންމެ ފަހުން ހަޑިވާގޮތްވެ އެވެ.
ތިރީގައި މިހިމަނާލަނީ ނެޗުރަލްކޮށް ފޮޓޯ އަށް ހުއްޓޭނެ ގޮތާ މެދު ފެޝަން ބްލޮގާއެއްގެ ބައެއްލަފަ އެވެ.
ފޮޓޯ ނަގާއިރު ލަސްލަހުން ހިނގަމުން މަޑުމަޑުން ހުއްޓެމުން ދާށެވެ. އެ ދާއިރު އެއްފަރާތް ބަލާލައި ނުވަތަ ތިރި ބަލައިލުން ފަދަ ހަރަކާތްތައް ގެންނާށެވެ. އައިނު ނަގައި ނުވަތަ ކަންފަތް ކައިރިއަށް އިސްތަށިކޮޅެއް ލައްވާލައި މިފަދަ ކުދި ހަރަކާތްތައް ކުރާށެވެ. ބޮލުގައި އޮންނަ ތޮފީގެ މަތީގައި އަތް އަޅާލައިގެން ހުރެލާށެވެ. ނުވަތަ ކޮންމެވެސް ކަމެއްގައި މަޝްއޫލުވެ ހުރުމުން ފޮޓޯ ވަރަށް އަސްލާ އެއްގޮތްވެފައި ރީތިވާނެ އެވެ. މިސާލަކަށް، މާ ބަގީޗާއެއްގެ ކައިރީ ނަގާއިރު މާކޮޅެއް ބިނދެލާށެވެ. ނުވަތަ ބަލައިލާ މަންޒަރު ވެސް ހިތްގައިމު ވާނެ އެވެ. އޭރުން ހީވާނީ ފޮޓޯ އަށް ހުއްޓުމުގެ ބަދަލުގައި ތަނެއް ބަލައިލަނީ ހެންނެވެ.
ގަދަކަމުން އަމިއްލަ އަށް ހުނުމުގެ ބަދަލުގައި ހެއްވާލުމުން ނުވަތަ ހިނި އަންނަ ކަމެއްގެ ވާހަކަ ދައްކާފައި ހެމުން ނަގާ ފޮޓޯ ނުހަނު ހިތްގައިމު ވާނެ އެވެ. ބައެއް މީހުންގެ ހިނިތުން ވެސް ރީތިވެ ފޮޓޯ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ. އަދި ބުދެއްހެން ހުރުމުގެ ބަދަލުގައި ހުންނާނީ ވެސް މީހާ ހަމަޖެހިލައި ވީހާ ވެސް ނެޗުރަލްކޮށެވެ.
ގަދަކަމުން ނުހޭށެވެ. އޭގެ ބަދަލުގައި ހިނި އަންނަ ގޮތް ވާ ނަމަ ހީލާށެވެ. ނުވަތަ ދުރަށް ބަލަން ހުރެގެން ނެގުމުން ވެސް ރީތިވާނެ އެވެ.
އަބަދު އެއް ގޮތަކަށް ހުއްޓި ހުރުމުގެ ބަދަލުގައި ތަނެއްގައި އިށީނދެ ދެފައި ވަށްކޮށްލައިގެން އިންނާށެވެ. ނޫނީ ފާރެއްގައި ލެނގިލައިގެން ނުވަތަ އެއް އަރިއަކަށް ދުރަށް ބަލަން ހުންނާށެވެ. ތަނެއްގެ ކައިރިފަށުގައި އިށީނދެ އެއްފަރާތަކަށް ބަލަން އިނުން އަދި މަތި ބަލައިލުމާއި ތިރިގަނޑެއް ލައިގެން ހުރި ނަމަ އޭގެ ފަސްބައި ވިހުރުވައިލާ ހަދާށެވެ.
އަބަދު އެއް ދިމާއަކުން ނެގުމުގެ ބަދަލުގައި އެކި އަރިއަރިމަތިންނާއި ފުރަގަހުން ފޮޓޯ ނަގާށެވެ. ބައެއްފަހަރު ބަދަލުކޮށްލާ އަރިމައްޗަކުން ވެސް ހީނުކުރާ ފަދަ ތަފާތެއް ފެންނަން ހުރެ އެވެ.
ޕްރޮޕްސްގެ ތެރޭގައި މާމެލާމެލި، ދަބަސް، ފޮތް އަދި މޭވާ ފަދަ އެއްޗެހި ބޭނުން ކުރާށެވެ.
މީގެ އިތުރުން ފޮޓޯ ނަގާއިރު އަބަދުވެސް ވީހާ ވެސް އަސްލާ އެއްގޮތް ކުރުމަށްޓަކައި އެތަނަކާ ގުޅޭ ގޮތަށް ތިމާގެ އަމަލު ވެސް ބަހައްޓާށެވެ. މިސާލަކަށް ފިހާރައެއްގެ ތެރޭގައި ނަގާއިރު އެތަނުން ކޮންމެވެސް އެއްޗެއް ނަގައިގެން ބަލަން ހުންނާށެވެ. މޫދުކައިރީ ނަމަ ފައިތިލަ ތެންމާލައިގެން ހުރެވިދާނެ އެވެ. ނުވަތަ އަވިދޭ ވަގުތެއްގައި ނަމަ ލޮލަށް ހިޔާއަޅައިގެން ދުރު ބަލަން ހުރުމެވެ. ރީތި މާހައުލެއްގައި ނަމަ އެތަނުގެ ރީތިކަމަށް ލޯ ހިންގާށެވެ. ހާއްސަކޮށް ބަލަންވީ ކަމަކީ ފޮޓޯ ނަގާއިރު ވަށައިގެން ތިމާއަށް ބަލަން ތިބޭ މީހުން ނުފެންނަ ކަމަށް ހަދާށެވެ. އެއީ ދެވަނަ ފަހަރު ބައްދަލުވާނެ ބައެއްކަމެއް ވެސް ނޭނގެ ނޫން ހެއްޔެވެ؟